Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ހަނގުރާމައާ ހެދި އިގްތިސާދު ދަށްވުމުގެ ބިރު ބޮޑު: ޝާހިދު

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިޤްތިޞާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތަޔާ މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުން އަންނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިޤްތިސާދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށާއި، އަދި އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިޤްތިސާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަމަށެވެ.

"އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ޤައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެއް." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިހަނގުރާމަ ކުރިއަށްދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މިމައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށެވެ.