ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމު ކޮށްފައިވާއިރު، މި ނިމުނު ފުރަތަމަ ދައުރުގައި މަޖިލީހަށް 28 ބިލު ހުށަހަޅާ، މަސައްކަތް ނިންމިފައިވަނީ އަށް ބިލެއްގެއެވެ.
ގިނަ ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރިއިރު، ކޮމިޓީތަކުގެ މަސައްކަތްތައް ލަސްކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ފާހަގަ ކުރެއްވިއެވެ.
މިދިޔަ ދައުރުގައި ޖުމުލަ 35 ޖަލްސާއެއް ބާއްވާފައިވާއިރު 10 ޤަރާރެއް ހުށަހަޅާ 2 ޤަރާރެއްގެ މަސައްކަތް ނިންމާފައިވެއެވެ. ސަރުކާރުގެ ފަރާތުން 8 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު 7 ހުށަހެޅުމެއްގެ މަސައްކަތް ނިންމާފައިވެއެވެ. އަދި ރިޔާސަތުން 8 ހުށަހެޅުން ހުށަހަޅާފައިވާއިރު 5 މަސައްކަތެއް ނިންމާފައިވެއެވެ.
މިނިމުނު މަޖިލީހުގެ ފުރަތަމަ ދައުރުގައި ވަޒީރުންނަށް ކުރުމަށް 49 ސުވާލެއް ހުށަހެޅިއިރު ވަޒީރުންނާ 26 ސުވާލެއް ކޮށްފައިވެއެވެ.
ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ 49.6 ޕަސެންޓް މަސައްކަތްތައް ނިންމުމަށްފަހުއެވެ.
މަޖިލީހުގެ ގަވައިދު ބުނަނީ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ދައުރެއް ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު ކަމަށެވެ.