ސްރީލަންކާއިން ޗައިނާއަށް ދަންކަންޖެހޭ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ދެގައުމުން ފަށައިފިއެވެ.
ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިއިރު، ދަރަނި އަނބުރާ ދެއްކުން ރީސްޓްރަކްޗާ ކުރުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާއިން ބޮޑަށް ބޭނުންވަނީ ދަރަނި ރީފައިނޭންސް ކުރުމަށް ކަމަށް ވުމުން އެކަމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ.
ދަރަނި ދެއްކުން ރީސްޓްރަކްޗާ ކުރުމަކީ ދަރަނި ދެއްކުމަށް އޮތް އިންޓްރަސްޓް ރޭޓަށް ބަދަލު ގެނައުން ނުވަތަ ދައްކަން ޖެހޭ މުއްދަތަށް ބަދަލެއް ގެނައުން ފަދަ ކަންކަން ކުރުމެވެ. އަދި ދަރަނި ރީފައިނޭންސް ކުރުމަކީ ކުރީގެ ދަރަނި ދެއްކުމަށް، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ނުވަތަ އިތުރު ލުއި ގޮތްތަކަށް އާ ލޯނެއް ނެގުމެވެ.
ލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 3.38 ބިލިއަން ޑޮލަރުގައި ހުރިކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ލަންކާގެ އިގްތިސޯދީ ހާލަތު ގޯސްވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ލަންކާގެ ފިނޭންސް މިނިސްޓަރު ވަނީ ލަންކާގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އައިއެމްއެފްއާއި ވޯލްޑްބޭންކްއާއެކު ވާހަކަދެއްކުމަށް އެމެރިކާއަށްވެސް ގޮސްފައެވެ.
ލަންކާ މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން "ހާލުގައި ޖެހި" ގައުމުގެ ސިޔާސީ މަސްރަހު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އެގޮތުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ހުއްޓުމެއް ނެތި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.