ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މީހުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންކަމާ ބެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށިސިޓީގައި ރޭ ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތެއްގެ ތެރެއިން ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މިއަދު އެހެން ޕާޓީތަކުންވެސް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ބެހެމުން އަންނަކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރު ތެރޭގައި އެބަ ތިއްބެވިތާ އެހެން ޕާޓީތައްވެސް. އެބޭބޭފުޅުންވެސް ޝައުގުވެރިކަން އިންތިހާއަށް ބޮޑުވެއްޖެ. ކުރާ ފޯނުތައް ގިނަވެއްޖެ. ހީވަނީ އެބޭފުޅުންވެސް ޕާޓީގެ އިންތިހާބެއް ބާއްވާހެން. ނޫން، މިއީ އަޅުގަނޑުމެންގެ ކަމެއް. އަޅުގަނޑުމެން ގޭތެރޭގެ ކަމެއް ހައްލުކޮށްލަން މިއުޅެނީ. ތިބޭފުޅުން މަޑުމަޑުން ތިއްބަވާ." ޝިފާޒް ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާފައިވާކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ އެހެން ފަހަރުތަކާ މިފަހަރުގެ އިންތިހާބާ ވަރަށް ތަފާތު ކަމަށެވެ. އަދި މި އިންތިހާބަށް އެމްޑީޕީގެ ޝައުގުވެރިކަން އޮތްވަރަށްވުރެއް ބޮަޑަށް އެހެން ޕާޓީތަކުގެ ޝައުގުވެރިކަން ބޮޑުކަމަށާއި އެ ޝައުގުވެރިކަމަކީ ހެޔޮއެދިގެން އޮތް ޝައުގުވެރިކަމެއް ނޫން ކަމަށެވެ.
އެހެން ޕާޓީތަކުގެ ލީޑާޝިޕްގައި ތިއްބެވި ބޭބޭފުޅުން ޗެއާޕާސަން އިންތިހާބުގެ އަނެއް ކެނޑިޑޭޓާ ތާއީދުކޮށްގެން ތިބިކަމަށް ޝިފާޒް ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާޒް ވިދާޅުވީ އެމްޑިޕީގެ ތެރޭގައިވެސް، އެހެން ހުރިހާ ޕާޓީތަކެެއް ހަލާކުކޮށް ނިންމާފަ އައިސް ތިބި ބަޔަކު އެބަ ތިބިކަމަށާއި، އެމީހުންނަށް އެމްޑީޕީ ހަލާކުކުރުމުގެ ޖާގަ ދީގެން ނުވާނެކަމަށެވެ.