ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު ފަނޑުވަމުންދާތަން ފެންނާތީ ކަންބޮޑުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީގެ ކެމްޕޭނަށް ރޭ ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އުފެދިފައިވަނީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި، އެނޫން އެއްވެސް ބޭނުމެއް ނެތްކަމަށެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެމްޑީޕީއަށް ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކޮށް ހަސަން ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އަދި ގިނަ ކައުންސިލްތަކެއްވެސް އެމްޑީޕީއަށް ހޯދައިދީފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް [އެމްޑީޕީއަށް] ތިބޭފުޅުން އެ ކުރެއްވި އިތުބާރު، އެ އިތުބާރު ދެމެހެއްޓުމަކީ މިއަދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓީކް ޕާޓީގެ މަގާމުތަކުގަ ތިއްބެވި ބޭފުޅުންނާ އަދި ތިއެންމެ ބޭފުޅުންގެ މަސައްކަތުން ކުރަންޖެހޭ ކަމެއް." ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާކަމަށްވާނަމަ އެކަމަށްވެސް ފިޔަވަޅު އަޅަން ތިބީ އެމްޑީޕީގެ އާންމު މެމްބަރުން ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު ފަނޑުވަމުންދާ މަންޒަރު ފެނުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.
އެގޮތުން ހަސަން ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެންމެ އެދެވޭގޮތުގައި މަސައްކަތް ނުކުރެވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.