އެންޓި ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.
އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނުން ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ތަހުގީގު ކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ 1,570,814.44 ރުފިޔާ އަނބުރާ ހޯދުމަށް އެދި، ކަމާގުޅުން ހުރި އިދާރާތަކަށް އަންގާފައިވާކަމަށެވެ.
މި ފައިސާއަކީ ތިން މައްސަލައަކާ ގުޅޭ ފައިސާއެވެ. އެ މައްސަލަތަކަކީ، ރ.އަލިފުށީ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކުލީ ބިންތަކުން ކުލި ނުލިބިވާ މައްސަލަ، މުލީއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ޚިލާފަށް، 2007 ވަނަ އަހަރުގައި ކޮށްފައިވާ ޚަރަދުގެ މައްސަލަ އަދި ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު 2015 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުމަކާއި ގުޅިގެން އަނބުރާ ލިބެންޖެހޭ ފައިސާއާ ގުޅޭ މައްސަލައެކެވެ.