Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

ޝަންގްރިއްލާ އަދި ވްރެންޑް އެފްސީ ފައިނަލަށް

މިހާރު ސ.ގަމުގައި ކުރިއަށްދާ "ސްނިކާސް އައްޑޫ ސްޓްރީޓް ސޮކާ"ގެ ފައިނަލަަށް ޝަންގްރިއްލާ ޔުނައިޓެޑް އާއި ވްރެންޑް އެފްސީ ހޮވިއްޖެއެވެ.

ވްރެންޑް އެފްސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މެޖެންޓާ އާއި ބައްދަލުކޮށް 3-2 ލަނޑުން މޮޅުވެގެންނެވެ. މެޗްގައި ވްރެންޑް އެފްސީއަށް ލަނޑު ޖަހައިދިނީ އަހުމަދު ޒާހިރު، އިބްރާހިމް އާސިފް، އަދި މުޙައްމަދު ޝިފާހްއެވެ. މެޖެންޓާގެ 2 ގޯލް ޖަހައިދިނީ އބްދުﷲ ރިޒްމީންއެވެ. މޮޅު ކުޅުންތެރިއަކީވެސް ރިޒްމީންއެވެ.

ޝަންގްރިއްލާ ޔުނައިޓެޑް ފައިނަލް ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފްރެންޑްސް ކްލަބް 2-1 ލަނޑުން ދެރަކޮށްގެންނެވެ.

މި މެޗްގައި ޝަންގްރިއްލާއަށް ލަނޑު ޖަހައިދިނީ މުހައްމަދު ތިލްމީޒު (ބިއްޑޭ) އާއި އަހުމަދު ޝާފިއު (ޝާޓީ)އެވެ. ފްރެންޑްސް ކްލަބްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޕެނަލްޓީއަކުން ހަސަން ހަނީފްއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކީ ޝަންގްރިއްލާގެ ބިއްޑޭއެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނައަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ފައިނަލް މެޗްގެ ކުރިން ހާއްސަ އައިޓަމްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން މަޝްހޫރު ސިމްބޮލިކް ސިކޯޑްގެ ލަވަކިއުންތެރިއާގެ ހުށަހަޅައި ދިނުން އޮންނާނެކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.