އައްޑޫ ބަހުރުވައިގައި ބޭނުން ކުރާ ހަރު ބަސް އެނގޭ ހެއްޔެވެ؟ އަދި އެހަރު ބަހާއި ދިވެހި ބަހުގައި ބޭނުން ކުރާ ހަރުބަހާއި ތަފާތުތަކެއް ހުރޭ ހެއްޔެވެ؟
އެތައް ޒަމާނެއް ވެފައިވާ އައްޑޫ ބަހުރުވަ، ގެއްލި ބަސް ހީނަރުވަމުން ދަނިކޮށް އައްޑޫގެ މަޝްހޫރު އަދީބް ހަސަން ލަބީބްގެ އަގުހުރި މަސައްކަތެއް މިހާރު ވަނީ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްފައެވެ.
ބައިނަލްއަގްވާމީ މާދަރީ ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރިއިރު އޭގެ ތެރެއިން އެންމެ ފާހަނގަވެގެން ދިޔައީ ހަސަން ލަބީބް ލިޔުއްވި "އައްޑުހަރުބަސް" މިހަފްލާތެރެއިން ނެރެދެއްވުމެވެ.
މަޝްހޫރު ލިއުންތެރިއާ އަދި ކުޅަދާނަ އަދީބް ހަސަން ލަބީބް ވިދާޅުވީ "އައްޑޫހަރުބަސް" އަކީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފެށި މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތަކީ އައްޑޫ ބަހަށް ލިބެމުންދާ ނިކަމެތިކަން ފެނި އެކަމަށް ހައްލެއް ހޯދައި ދެއްވުމަށް ކުރެއްވި މަސައްކަތެއް ކަމަށެވެ.
އައްޑޫގެ ގިނަ ދަރިވަރުންތަކަކަށް ދިވެހި ބަސް އުނގަންނައި ދެއްވި ލަބީބްގެ އިތުރު މަސައްކަތްތަކެއް މިދާއިރާއިން ކުރައްވަމުން ގެންދަވާކަންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އައްޑޫ ބަސް ބޭނުން ކުރުމުގެ ހަމަތަކާއި ގަވާއިދާއި ގުޅޭ ފޮތެއް އެކުލަވާލަމުން ގެންދަވާ ކަމަށް ލަބީބް ވަނީ ވިދާޅުވެފައެވެ.
އައްޑޫ ބަހާއި މެދު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ލަބީބް ވިދާޅުވީ އައްޑޫ ބަސް ނެތި ގޮސްފައިވަނީ ހިތާމަ ކުރަން ޖެހޭ މިންވަރަށް ކަމަށެވެ. އަދި އެކަމަށް ބޮޑު މަސައްކަތެއް ކުރައްވަން ޖެހޭކަމަށް ލަބީބް ވިދާޅުވިއެވެ.
ލަބީބް ވިދާޅުވީ "އައްޑޫރަދީފް" އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަށް ނެރެވޭތޯ މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތަކީ މީގެ 8 އަހަރު ކުރިން ފެށި މަސައްކަތެއް ކަމަށެވެ.
މިހާރުގެ ޖީލަށް ލަބީބް މި ހަދިޔާ ކުރެއްވީ އަގުހުރި މަސައްކަތެކެވެ. އެކަމަށްޓަކައި ލަބީބްއަށް ހާއްސަ ޝުކުރެއް "އައްޑޫލައިވް" ޓީމުގެ ފަރާތުން އަރިސްކުރަމެވެ.