Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ޖުޑިޝަރީ ކޮމިޓީން ނިހާދު ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ އެ ކޮމިޓީން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަކިވެވަޑައިގެންފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގައި ހުރި މުހިއްމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމައި އަމިއްލަ އެދުމާ އުޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންވެ އެފަދަ ކޮމިޓީއެއްގައި ހުންނަން ބޭނުން ނުވާ ކަމަށް ދަންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ނިހާދު ވިދާޅުވި ގޮތުގައި ޖުޑިޝަރީ ކޮމިޓީގައި ނިންމަން ހުރި މަސައްކަތްތަކުގެ ތެރޭގައި ބާ އިމްތާނުގެ މައްސަލަ އާއި ހައި ކޯޓްގެ މައްސަލަ އާއި ކޯޓާ ބެހޭ ގާނޫނުގެ މައްސަލައިގެ އިތުރުން ހެއްކާ ބެހޭ ގާނޫނާ ބެހޭ މައްސަލަ ހިމެނެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތަކާ އޭނާ ފެއަށް ޖެހިވަޑައިގެންނެވި އިރު މީގެ ކުރިން ވެސް ކޮމިޓީގެ މަސައްކަތް ނުހިންގައި ލަސްކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. ނިހާދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލަށް ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ތާއިދުކުރެއްވުމަކީ ޖުޑިޝަރީގެ ކޮމިޓީން އޭގެ މަސައްކަތްތަކަށް ހުރަސް އަޅަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ހިސާން ފައްޔާޒަށް ތާއީދު ކުރުމަކީ ޖެއްސުން ކުރަންޖެހޭ ސަބަބެއް ނޫން. ބޭނުމީ އިންސާފު." ފައްޔާޒަށް ތާއީދުކުރައްވާ ނިހާދު ވިދާޅުވެފައިވެ އެވެ.