Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މި ސަރުކާރުން އާ ހޮސްޕިޓަލެއް އަޅާނެ: ނާޒިމް

ކުރީގެ ޑީފެންސް މިނިސްޓަރ ކާނަލް ނާޒިމް.

އައްޑޫގައި އަޅަން ފައިސާލިބި ނަމަވެސް މަސައްކަތް ފެށިފައި ނުވާ އެކަމަކު އެވާހަކަ އަބަދުވެސް ދައްކަމުން އަންނަ 100 އެނދުގެ ހޮސްޕިޓަލް މިހާރުގެ ސަރުކާރުން އަޅާނެކަމަށާއި އެއީ ނުކުރެވޭނެ ކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އަލްއުސްތާޒު އަލީ އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ހިތަދޫގައި އިމާރާތް ކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ބަލައިގެން ކުރިއަށްގެންދާނެކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުންޏަސް އެކަން މި ސަރުކާރުން ހާސިލް ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އަލީ އިބްރާހީމްގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ސަރުކާރުން ގާއިމްކޮށްދޭނެ ކަމަށެވެ.

ހިތަދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ވާހަކަ ދައްކަން ފަށާފައިވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އަދި އެފަހުން ކޮންމެ އަހަރެއްގެ ބަޖެޓްގައި ހޮސްޕިޓަލް އިމާރާތްކުރުމަށް ފައިސާ ހިމަނާފައި ވިޔަސް މަސައްކަތް އަމަލީ ގޮތުން ފެށިފައި ނުވެއެވެ.

ހިތަދޫ ހޮސްޕިޓަލް އިމާރާތް ކުރާނެ ވާހަކަ ނާޒިމް ވިދާޅުވިއިރު ހިތަދޫ ހޮސްޕިޓަލް އިމާރާތް ކުރަން ލިބިހުރި ފައިށައިން ފުވައްމުލަކުގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުވަނީ ފެތުރިފައެވެ. އަދި އެސަބަބާއި ހުރެ މިހާރުގެ ސަރުކާރަށް އައްޑޫ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.