އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އާމިނަތު ދިޔެ (އާމިންދައްތަ) ވެސް ކުއްޖާ އަށް އިންސާފު ހޯދައިދޭން ގޮވައިލާ ހަރަކާތްތަކަށް ނުކުމެއްޖެ އެވެ.
އެެގޮތުން އާމިންދައްތަގެ ދިފާއުގައި މަސައްކަތްކުރި ޓީމުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އިއްޔެ ރެއިން ފެށިގެން އޭނާ9، އަންނަނީ ބައިވެރިވަމުންނެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކިޔަވާ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އާމިންދައްތަ، 59، ހައްޔަރުކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އަދި 23 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އާމިންދައްތަ ބަންދުން ދޫކޮށްލި އިރު އޭނާ ހައްޔަރުކުރުމާ ދެކޮޅަށް ހިތަދޫގައި ޕެޓިޝަނެއް ހަދައި، އަދި އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާރަކެއް ވެސް ބާއްވާފައިވެ އެވެ. އަދި އާމިންދައްތަ ދޫކޮށްލި ފަހުން އޭނާގެ ދިފާއުގައި މަސައްކަތްކުރި މީހުން އަންނަނީ ކުއްޖާ އަށް ގޯނާކުރި އަަސްލު މީހާ ހައްޔަރުކުރަން ގޮވާލައޮ ކުއްޖާ އަށް އިންސާފު ހޯދައިދޭން ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެކަމާ ގުޅޭ ޕެޓިޝަނެއްގައި އަންނަނީ ސޮއި ވެސް ކުރަމުންނެވެ.
އެކަމުގައި އިސްކޮށް އުޅޭ މީހުން ބުނީ އެ ޕެޓިޝަން މަދުވެގެން 5،000 މީހުންގެ ސޮޔާ އެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ.
އާމިންދައްތަ ބުނެފައިވާ ގޮތުގައި ބޭއިންސާފުން އޭނާ ހައްޔަރުކޮށް ދިން އަނިޔާތަކަށް އިންސާފު ހޯދަން ވެސް މަސައްކަތްކުރާނެ އެވެ.