އައްޑޫގައި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ހަދާނީ ހިތަދު އާއި ފޭދޫގައި ކަމަށް ކައުންސިލުން ބުނެފި އެވެ.
އެތަނުން ބުނީ ހިތަދޫގައި ބޮޑު ޖަމާއަތް އޮންނާނީ ސިޓީ ސްކެއާގައި ކަމަށާއި ފޭދޫގައި ބޮޑު ޖަމާއަތް އޮންނާނީ ފޭދޫ ދެކުނު ފަރާތު ހިއްކި ބިމުގައި (އަސަރީ ހިނގުމުގެ ދެކުނު ފަރާތުގައި) ކަމަށެވެ.
ބޮޑު ޖަމާއަތުގައި ދެ އަވަށެއްގައި ފިތުރު ނަމާދުކުރާ ގޮތަށް ހަމަޖެއްސި އިރު، ހިތަދޫގެ އަށް މިސްކިތަކާއި ފޭދޫގެ މައި ހުކުރު މިސްކިތުގައި އީދު ނަމާދުކުރާ ގޮތަށް ވެސް ހަމަޖައްސާފައިވެ އެވެ. އަދި މަރަދޫ، މަރަދޫފޭދޫ، މީދޫ އަދި ހުޅުދޫގައި ވެސް އީދު ނަމާދުކުރާނީ ހުކުރު މިސްކިތްތަކުގަ އެވެ.

ކައުންސިލުން ބުނީ މޫސުމަށް އަންނަ ބަދަލަކާ ގުޅިގެން މައިދާންތަކުގައި ބޮޑު ޖަމާޢަތް ބޭއްވޭނެ ގޮތް ނުވެއްޖެ ނަމަ ހިތަދު އާއި ފޭދޫގެ ހުކުރު ކުރާ ހުރިހާ މިސްކިތްތަކުގައި ފިތުރު އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
ހިތަދޫގައި އީދު ނަމާދުކުރަން ހަމަޖެއްސި މިސްކިތްތަކަކީ މަސްޖިދުއްޝޫރާ، މަސްޖިދުލް އިކްރާމް، މަސްޖިދުއް ޒިކުރާ، މަސްޖިދުލް އިޚްވާން، ހުކުރު މިސްކިތް، އައިމަލި މިސްކިތް، މަސްޖިދުއް ތަޤްވާ އަދި މަސްޖިދު އިބްރާހީމެވެ.