ކޮންމެ އިންތިހާބަކާއި އެކުވެސް އިވޭ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ. ނޫސްތަކުގެ ސުރުހީތަކުން އެވާހަކަތަކަށް ޖާގަލިބެން ފަށައިފި އެވެ.
"ހެރަތެރަ ހިންގަން ވަރަށް އަވަހަށް ފެށޭނެ. ހެރެތެރެ ބަޔަކާއި ހަވާލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން"، "މި ސަރުކާރުން އައްޑޫގައި އަޅަން ބުނި ހޮސްޕިޓަލް އަޅާނެ"، "އަޅުގަނޑުމެންގެ ސަރުކާރުން އައްޑުގެ ފެނާއި ނަރުދަމާ އަދި މަގުހެދުމުގެ މަަސައްކަތް ކުރިއަށް ގެންދާނަން، އިރާދަ ކުރެއްވިއްޔާ އަންނަ މަހު ތެރޭ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށޭނެ"، "ގަން އެއާޕޯޓް ތަރައްޤީގެ މަސައްކަތް ލަސްތަކެއް ނުވެ ނިމި އެކަމުގެ ފައިދާ ލިބެން ފަށާނެ"، "ގަމުން. ލަންކާ އަދި ބޭރުގެ އެހެން ގައުމުތަކަށް ދެވޭނެ އިންތިޒާމް މި ސަރުކާރުން ހަމަޖައްސާނެ"، "އައްޑޫ ދެކުނު ތަރައްޤީގެ ހަބަކަށް ހަދާނަން"، "އައްޑޫއަށް 5000 ޓޫރިސްޓް އެނދުގެ އިތުރުކުރާނަން"، "އީސީސީ ބިޑަށް ހުޅުވާލައިފި"، "އިސްމެހެލާ ހެރައަށް ބިޔަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި"
މިއީ އާއްމުކޮށް ފާއިތުވި ކޮންމެ ސަރުކާރަކުން، ކޮންމެ އިންތިހާބަކާއި ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކެވެ. ތަޅާފައިވާ "ހުސް" އަނގަތަކެވެ. މިއިން ކަމެއް ހާސިލް ކުރުމަށް ސަރުކާރުން ކުރި މަސައްކަތެއް ފެންނާނެ ނެތް ކަންކަމެވެ.
ރައީސް ޑރ. ވަހީދު ސަރުކާރުން ގަމާއި ލަންކާ ދަތުރު ފަށައި އެދަތުރުތައް ކައިރި އެހެން ގައުމުތަކަށް ކުރާނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ މިހާރުގެވެސް ޑިފެންސް މިނިސްޓްރާ މުހައްމަދު ނާޒިމްއެވެ. ގަމުގެ ވައިގެ ބަނދަރުގެ ވިއައިޕީ ލައުންޖް ޝަންގްރިއްލާ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އޮގަސްޓް 7 ވަނަ ދުވަހު ގަމުން ލަންކާއަށް ދަތުރު ފެށި ރަސްމިއްޔާތުގައިވެސް މިނިސްޓާރ ނާޒިމް ބައިވެރިވެ ދަތުރުތައް ނުހުއްޓި ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ރޭ ނާޒިމް ވަނީ ހިތަދޫ ހޮސްޕިޓަލް އަޅާނެކަމަށް ބުނެ އެމަސައްކަތަކީ ސަރުކާރުގެ ވައުދެއްކަމަށް ވިދާޅުވެފައެވެ.
ގަމުގެ ވައިގެ ބަނަދަރުގެ މަޝްރޫއަކީ ރައީސް ވަހީދުގެ ސަރުކާރުން އިންތިހާބާއި ގުޅުވައިގެން ފެށި ބޮޑު ބިޔަ މަސައްކަތެކެވެ. ޔާމީންގެ ސަރުކާރުން މި މަޝްރޫއު ސިފަކުރައްވަނީ ތައްޔާރުނުވެ އަވަސް އަރުވާލައިގެން ކެމްޕެއިން އަށް ފަށާފައިވާ މަޝްރޫއެއް ގޮތަށެވެ.
އެހެންވެ ރައީސް ޔާމީންގެ ސަރުކާރުން ގަމުގެ އެއާޕޯޓް މަޝްރޫއަށް "ކޮށްދެވޭނެ މަސައްކަތެއް" ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އެކަން މަސައްކަތް ކުރިއަށްދާ ގޮތުން ފެނެއެވެ.
ދެން އޮތީ ގަމުގެ ވައިގެ ބަނދަރުން ފެށި ބައިނަލް އަގްވާމީ ދަތުރުތަކެވެ. މޯލްޑިވިއަނުން ވަނީ ނަމެއްގައި އެކަން ފަށައި ޕެންސިޖަރުން ނުލިބޭ ކަމަށް ބުނެ ހުއްޓާލާފައެވެ. އުތުރުން ހަނިމާދޫން ޓްރެވިންޑްރަމަށް މޯލްޑިވިއަންގެ ފަރާތުން ފެށި ދަތުރުތައް އިޝްތިހާރުކޮށް އެ ދަތުރުތައް ދެމެހެއްޓުމަށް އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އައްޑޫން ފެށި ދަތުރުތައް ކުރިއަށް ގެންދަން އެއްވެސް މަސައްކަތެއް މޯލްޑިވިއަންގެ ފަރާތުން ކޮށްފައި ނުވެއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ފެށި އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮންނަތާ 3 އަހަރުވާއިރު އަދިވެސް އެމަސައްކަތް ކުރާނެ ވާހަކަ ނޫން އެހެން ވާހަކައެއްގެ އަޑެއް ނީވެއެވެ. އެހެންކަމުން މި ސަރުކާރުން ކަމެއް ކުރަން އުޅޭކަމަކަށް ބެލެވޭނެ ޖާގައެއް ނެތެވެ.
އާބާދީ ބޮޑު އައްޑޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ވަސީލަތްތައް މަދު ކަމުގެ ވާހަކަ އަބަދުވެސް ދައްކަމުން އަންނައިރު ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ކަމުގައިވާ "ހެރެތެރެ" ހިންގޭނެ ގޮތެއް ނެތެވެ.
ރިސޯޓްގެ ފައިދާ ރައްޔިތުންނަށް ދޭންކަމަށް ބުނެ މައުމޫނު ސަރުކާރުން އައްޑޫގެ އެތައް ހާސް ރައްޔިތުންގެ އަތުން އެމީހުން ރައްކާކޮށްފައިވާ ފައިސާކޮޅު ހޯދައިގެން ހެދި ހެރެތެރޭގެ މައްސަލަ ކޯޓުން ސަލާމަތެއް ނުވެއެވެ. އިންތިހާބެއް ކައިރީ އޮވެއްޖެނަމަ އަބަދުވެސް އިވެނީ ހެރެތެރެ ހިންގުމަށް ސަރުކާރުން ކުރާ މަަސައްކަތުގެ ވާހަކައެވެ. އިންތިހާބް ނިމުމާއި އެކު ކޮންމެވެސް މީހަކު ހެރެތެރެ ގޮވައިގެން ކޯޓަށް ދާނެއެވެ. އެއާއި އެކު އެވާހަކައިގެ އަޑު މަޑުވީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އެކު އަނެއްކާވެސް ސަރުކާރުން ހަމައެވާހަކަ ފަށައި ކުރު ނުކޮށްދައްކަން ފަށައިފިއެވެ. އެކަމަކު މިހާރު އެގޮތަށް ދައްކާލާ ވާހަކައަކަށް ވޯޓުދޭނެ ބަޔަކު ނެތެވެ. އެންމެންވެސް ބޭނުމީ އަމަލުން މަސައްކަތް ކުރާތަން ބަލާށެވެ.
އައްޑޫއަކީ އަބަދުވެސް އިންތިހާބް ތަކާއި ދިމާކޮށް ސަރުކާރުން އެންމެ ބޮޑު ވައުދުވާ ތަނެވެ. އެކަމަކު އެއިން ވައުދެއް ފުއްދެނީ 30 އަހަރުވާފަހުންނެވެ. އެކަމަކު މިހާރު ރައްޔިތުން އެފުރުސަތު ސަރުކާރަަކަށް ދޭކަށް ބޭނުމެއް ނޫނެވެ.