ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، "ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުޙަބާ ވިދާޅުވެ މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުގެ ޖާޒީއެއް ވަނީ ރައީސަށް ވެދުމަށް އަރުވާފަ އެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގަ އެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެ އެވެ.