Last Updated: July 17, 05:40
Friday, July 17, 2026
ޚަބަރު

މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިވާން ޖެހޭ

އައްޝައިޚް ފައްޔާޟް ޢަލީ މަނިކު

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި އިލްތިމާސްކޮށްފި އެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފަހު ފޯރަމްގައި ރޭ ތަޤްރީރު ކުރައްވާފައި ވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.

"އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި" މި މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކުގެ ވާހަކަފުޅުގައި ވެސް ކީރިތި ޤުރުއާނުގެ އަލީގައި އިންސާނުގެ ޙާލަތު އޮޅުންފިލުއްވައި ދެއްވި އެވެ.

އެގޮތުން މީސްތަކުން ބެހިފައިވާ ބައިތަކަށް ބައްލަވާލައްވާފައިވެއެވެ. އެއީ ހަތަރު ބަޔަށްކަމަށާއި އެ ހަތަރުބަޔަކީ މުއުމިނުން، ކާފިރުން، މުނާފިޤުން އަދި އަހުލުކިތާބުންކަމަށް ވިދާޅުވެ، މުސްލިމުން ބެހިފައިވާ ބައިތަކަށްވެސް ބައްލަވާލެއްވިއެވެ.

މުސްލިމުންގެ ތެރެއިން ހެޔޮކަމުގައި ކުރިއަރައިދާ މީހުންނާއި ހެޔޮކަމުގައި މެދުމިން ޙިޔާރުކުރާ މީހުންނާއި ނަފްސަށް އަނިޔާވެރިވާ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ.

އިންސާނާއަށް ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުގެ ތެރެއިން މާޔޫސްވާ ޙާލަތްތައް އައުމުން ޢަމަލުކުރަންވީ ގޮތްތަކަށް ބައްލަވާލައްވަމުން، މާޔޫސްވާ ސަބަބު ދެނެގަނެ، އެހީތެރިކަން ބޭނުންވެ، ނުވަތަ ފަރުވާއެއް ހޯދަން ޖެހޭ ކަމުގައިވާނަމަ އެގޮތަށް ޢަމަލުކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔުމާއިއެކު ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

މި ބައިތަކަށް ބައްލަވާލައްވަމުން ގަޟާ ގަދަރަށް އީމާންވުމުގެ މުހިންމުކަމާއި އިންސާނުންގެ ނިކަމެތިކަމަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވި އެވެ. އަދި އިންސާނުންނަކީ ނިޢުމަތެއް ލިބުމުން ބޮޑާވާ ބައެއްކަމަށާއި ހަވާ ނަފްސަށް ތަބަޢަވެ، ދަހިވެތިވެގެންވާ ބައެއްކަމަށްވެސް ވިދާޅުވި އެވެ.