Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"އިހުޔާ ފޯރަމް" އިން ދެ އުމުރާ ދެ ދަތުރު

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި އަހަރުގެ "އިހުޔާ ފޯރަމް" ސިލްސިލާ ރޭ ނިންމައިލުމާ އެކު، ފޯރަމް އަޑު އަހަން ދިޔަ މީހުންނަށް ދޫކުރި ނަމްބަރުތަކުގެ ތެރެއިން ނަސީބު ލައްވާލައި ރޭ ދެ މީހަކަށް އުމުރާ ދަތުރު ވެސް ކަށަވަރުވެއްޖެ އެވެ.

މީގެ ތެރެއިން އެއް އުމުރާ ދަތުރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ދިން އިރު އަނެއް އުމުރާ ދަތުރު ސްޕިންސަކުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ.

މި ފަހަރުގެ އިނާމުތައް ހޮވީ މާލެ އާއި އަތޮޅުގެ ތެރޭގެ ފަށް ރަށެއްގައި ވެސް ބޭއްވި ފޯރަމްތަކަށް ދިޔަ މީހުންގެ މެދުގަ އެވެ. އެގޮތުން ގުރުއަތު ލައިގެން ލިބުނު އިތުރު އިނާމުތަކުގެ ތެރޭގައި ދިރާގުން ދިން ސެމްސަންގް ގެލެކްސްސީ އެސް 22 ގެ ފޯނަކާއި މިފްކޯ އިން ދިން 65 އިންޗީގެ ދެ ޓީވީ ހިމެނެ އެވެ.

އިނާމުތައް ހޮވީ މާލެ އާއި އަތޮޅުތެރެ ވަކިވަކިންނެވެ. މި ފަހަރު ފޯރަމް ބޭއްވި ރަށްރަށަކީ ހދ. ކުޅުދުއްފުށީ، އައްޑޫ ހިތަދޫ، ރ. ދުވާފަރު، ފުވައްމުލައް އަދި ގދ. ތިނަދު އެވެ.

މިނިސްޓްރީން ބުނީ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު މީހުންގެ ތެރެއިން ރޭ އިނާމާ ޙަވާލުނުވެވޭ މީހުން އިނާމާއި ޙަވާލުވެވޭނެ ގޮތް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުތަކުގެ ފޮޓޯ އާއި އައިޑީކާޑުގެ ފޮޓޯ 7924881 މި ނަންބަރަށް ވައިބަކުރަން އެދިފައިވެ އެވެ.

މި އަހަރު "އިޔުހާ ފޯރަމް" ސިލްސިލާގައި 13 ފޯރަމް ބޭއްވި އެވެ.