Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ވިލުފުށީ ކައުންސިލުން އާ ކަމެއް: ކޮންމެ އަހަރަކު ރަށު މީހަކަށް ހައްޖު ދަތުރެއް

ވިލުފުށީ ގިނަ އަދަދެއްގެ މީހުން އެއްވެ:-އެރަށު ކައުންސިލުން ވަނީ ކޮންމެ އަހަރަކު މީހަކު ހައްޖަށް ފޮނުވަން ނިންމާފައި

ތ.ވިލުފުށިން ކޮންމެ އަހަރަކުވެސް އެ ރަށުން ކޮންމެވެސް އެކަކަށް ހައްޖު ދަތުރެެއް ދިނުމަށް ނިންމާ އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ވިލުފުށީ ކައުންސިލަރަކު މައުލޫމާތު ދިން ގޮތުގައި އެރަށުގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެކަކު ކޮންމެ އަހަރަކު ކައުންސިލުން ހަރަދުކޮށްގެން ހައްޖަށް ފޮނުވުމަކީ މިހާރު ތިބި ކައުންސިލަރުންގެ ވައުދެކެވެ. ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ހައްޖަށް ގެންދާނެ މީހަކު ކަނޑައަޅާނީ އެކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތެކެވެ.

އެހެންވެ ކައުންސިލުން މިހާރުވަނީ މިއަަންނަ މަހުގެ 19 ދުވަހުގެ 2.00ގެ ކުރިން ހައްޖު ދަތުރަށް އެދޭ ފަރާތްތަކުން ފޯމް ހުށައަޅަން ހުޅުވާލާފަ އެވެ.

ހައްޖު ދަތުރަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް ވެސް ކައުންސިލުން ވަނީ ކަނޑައަޅާ އާއްމުކޮށްފައެވެ. އޭގެ ތެރޭގައި މީގެ ކުރިން ފަރުޞު ހައްޖެއް އަދާކޮށްފައިވާ މީހެއް ކަމުގައި ނުވުމާއި ވިލުފުށީ ރައްވެއްސެއް ކަމުގައިވުމުގެ އިތުރުން އެމީހަކީ އަމިއްލަ ހަރަދުގައި ހައްޖަށް ދެވޭނެ ތަނަވަސްކަން ނެތް މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކައުންސިލުން މި ހައްޖު ދަތުރުދޭނީ 50 އަހަރުން މަތީގެ މީހުނަށެވެ. އެކަމާ ގުޅޭ ގޮތުން އެރަށު ކައުންސިލަރަކު ވިދާޅުވީ އޭގެ ބޭނުމަކީ އަމިއްލަ މަސައްކަތުން ހައްޖުގެއަޅުކަމަށް ދިއުމަށް ފައިސާ ހޯދާނެ ތަނަވަސްކަން ނެތް މީހުނަށް ބޮޑަށް އިސްކަން ދިނުމުގެ ބޭނުމުގަ އެވެ.

ހައްޖު ދަތުރަށް އެދެން ޖެހެނީ ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ކައުންސިލް އިދާރާއަށެވެ. މިއީ އެނގިފައިވާ ގޮތުގައި ރަށު ކައުންސިލް ބަޖެޓުން ހަރަކޮށްގެން މީހުން ހައްޖަށް ފޮނުވާން ފެށި ފުރަތަމަ ފަހަރެވެ.