ރާއްޖޭގެ މަހުޖަނު އަހުމަދު ސިޔާމް (ސަން ސިޔާމް) ނ. ކުޑަފަރީގައި އިތުރު މިސްކިތެއް ބިނާކޮށްދެއްވަން ނިންމައި އެތަނުގެ ބިންގާ ވެސް އަޅުއްވައި ދެއްވައިފި އެވެ.
އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައި ދެއްވީ ސިޔާމާއި ކައުންސިލްގެ ރައީސެވެ. ސިޔާމްގެ "ސަން ކެއާ" ގެ ދަށުން ދަތުވެރިންނަށް ހާއްސަކޮށްގެން ބިނާކުރާ މިސްކިތަށް ކިޔަން ނިންމާފައި ވަނީ މަސްޖިދުލް މުހައްމަދު ގާސިމެވެ.
ސިޔާމު ވިދާޅުވީ ކުޑަފަރީގައި އިތުރު މިސްކިތެއް ބިނާކުރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެ އެދުން ފުރިހަމަކޮށް ދެއްވަން މިސްކިތުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ.
ހަތްދިހަ މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރަން ނިންމާފައި ވަނީ މާލޭގައި ހުންނަ މަޝްހޫރު ހުކުރު މިސްކިތުގެ ފާޑުވެރިކަން ވެސް އެކުލެވޭ ގޮތަށެވެ. ސިޔާމްގެ ހަރަދުގައި ކުޑަފަރީފައި ކުރިން ވަނީ އޭނަގެ މަންމަގެ ހަނދާނުގައި މަސްޖިދުލް ޝަމީމާ ޢަބްދުﷲ ގެ ނަމުގައި 2012 ގައި ވެސް މިސްކިތެއް ބިނާކޮށް ދެއްވައިފަ އެވެ. އެއީ 750 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެ މިސްކިތާ އެކު ރަށުގައި މި ވަގުތު ހުރި ދެވަނަ މިސްކިތަކީ ރައްޔިތުންގެ ހަރަދުގައި ބިނާކުރި މިސްކިތެކެވެ.
އިއްޔެ ބިންގާ އެޅި މިސްކިތުގެ އިތުރަށް ޔަތީމް ކުއްޖަކަށާއި އެކަނިވެރިޔަކަށް ސިޔާމްގެ ހަރަދުގައި އަޅުއްވައި ދެއްވާ ތިން ކޮޓަރީގެ ދެ ގެއެއްގެ އެއްބަސްވުމުގައި ވެސް ސޮއިކޮށް، އޭގެ ބިންގާ ވެސް އަޅާފައިވެ އެވެ.