Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހިޔާ ފްލެޓެއްގައި ޑްރަގް ވިޔަފާރި، ފަސް މީހަކު ހައްޔަރަށް

ހިޔާ ފްލެޓް ސަރަހައްދު-- ފޮޓޯ: އައްޑޫލައިވް

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހިޔާ ފްލެޓެއް ބަލާ ފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުންނެވެ. ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ހުރި ފްލެޓެއް، ފުލުހުން ބަލާފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސް ފުލުހުން ބުނެފައިވަނީ، އެ ފްލެޓްގެ ސިޓިންރޫމުގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި މިކަބަޑުގެ ތެރެއިނާއި ސިޓީންރޫމުގެ ސޯފާމަތިންނާއި އެ އެޕާޓްމެންޓުގެ ދެ ކޮޓަރި ބަލާފާސްކުރިއިރު ހާމަކަން ބޮޑު ގޮތެއްގައި 50،300 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު ފައިސާއަކީ އޭނާ ވަޒީފާ އަދާކުރާތަނުން ލިބުނު ފައިސާކަމަށެވެ. މިމައްސަލައިގައި ހައްޔަރުކުރި އިތުރު މީހަކު ވަނީ އެ ފްލެޓަށް ދިޔައީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށް ކޯޓުގައި ބުނެފައެވެ. އަދި ފަރުވާ ބޭނުންވާ ކަމަށް ބުނެފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ފަރުވާ ޕްރޮގްރާމް ނިންމާފައިވާ މީހަކުވެސް ހިމެނެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ބްރާސްފަތި ދުވަހު ވަނީ 15 ދުވަސް ދީފައެވެ.