Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

އައްޑޫ ޑަބްލިޔުޑީސީގެ އިހިޔާ ފޯރަމް: ޝެއިހުންނާއެކު އަގުހުރި ވަގުތުކޮޅެއް

ރޭ ބޭއްވި ފޯރަމްގައި ޝެއިހް ނާޒިހް ދަރުސްދެއްވަނީ

ސ. އަތޮޅު މަދަރުސާގެ ޖަލްސާކުރާ ހޯލަށް އެއްވެފައި ތިބި މީހުން އެއްއަޑަކުން ހިސާބު އަދަދުތަކެއް ކިޔަމުންދިޔައެވެ. އެމީހުން ކުރިމަތީ ހުއްޓި ހުރި ޝެއިހްގެ އިޝާރާތައް ގޮނޑިތަކުގައި ތިބި މީހުން ބައެއް ފަހަރު އަތްޖަހަމުންދިޔަ އެވެ. އެތަނުގައި ތިބި ގާތްގަނޑަކަށް 150 މީހުންނަކީ އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ(ޑަބްލިޔުޑީސީ)ގެ އިން އިންތިޒާމްކޮށްގެން ބޭއްވި ދަރުހަށް ދިޔަ މީހުނެވެ. ނަމަވެސް ރޭ 9.30 އިން ފެށިގެން ކުރިއަށް ގެންދިޔަ އެ ދަރުހަކީ ހަމަ އެކަނި ޕޯޑިއަމެއް ކައިިރި ހުއްޓިހުރެ ދެ ގަޑިއިރުވަންދެން ދިން ދީނީ ދަރުސްއެއް ނޫނެވެ.

ދަރިންތަރުބިއްޔަތު ކުރުމުގެ މައްޗަށް އަލިއަޅުވާލައިގެން ދީނީ މައުލޫމާތު ދިނުމަށް ބޭއްވި އެ ދަރުސް ކުރިއަށް ގެންދިޔައީ އިސްލާމިކް ފޯރަމެއް ގޮތަށެވެ. މިއަހަރުގެ ރަމަޞާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ޕްރޮގުރާމަކީ އައްޑޫގެ ހުރިހާ ސްކޫލްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ. ހުޅުދޫ އާއި މީދޫ އަށް ހާއްސަކޮށްގެން ރޭ ބޭއްވި ފޯރަމަކީ މި ރަމަޞާން މަހުގެ އެންމެ ފަހު ފޯރަމެވެ.

އައްޝެއިހް އަހްމަދު ނިޒާމާއި އައްޝެއިހް އަހްމަދު ނާޒިހްގެ އިލްމީ ދީނީ މައުލޫމާތު ފޯރުކޮށްގެން ދިޔައީ ދުނިޔެވީ މިސާލުތައް ވެސް ދައްކަމުންނެވެ. އެ ދަރުސް އަޑުއަހަން އެއްވެ ތިބި ބެލެނިވެރިންލައްވާ ޝެއިހުން ކުރުވި ބައެއް ކަންކަމަކީ ކަންކަން ހިނގާ ގޮތް އަމިއްލައަށް ތަޖުރިބާކުރުމަށް ކުރި ބައެއް ކަންކަމެެވެ.

ފޯރަމްގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުނަށް ހަދިޔާ ދެނީ

ދަރިންތަރުބިއްޔަތައްޓަކައި ރަނގަޅު މަންމައަކު ނުވަތަ ބައްޕައަކު އިހްތިޔާރުކުރަން ޖެހޭ ހިސާބުން ފެށިގެން ދަރިއަކު ލިބި ބޮޑުކުރުމާ ހަމައަށް މައިބަފައިންކަންކަން ކުރަންވީ ގޮތް ޝައުގުވެރިގޮތަކަށް ދެ ޝެއިހުންވެސް ދިޔައީ ކިޔާދެމުންނެވެ. ޕްރެޒެންޓޭޝަނާއެކު ހުށައަޅަމުންދިޔަ އެ މައުލޫމާތުތައް ސިކުނޑިއަށް ފަސޭހައިން ވިސްނޭނެ ގޮތައް ކިޔާދެމުން ދިޔައިރު ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ބޮޑެތި ގޯސްތައް ކިޔާދިނެވެ. ދަރިންގެ ތަރުބިއްޔަތައް ދެމަފިރިންގެ އަމަލުތަކުގެ މުހިންމުކަމާއި ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރަން ދަރިންގެ އަތްމައްޗަށް ދޫކޮށްލަންވީވަރު ޝެއިހުން ސާފުކޮށްދިނެވެ. އޭގެ އިތުރުން މުޖުތަމައުގެ ތެރޭގައި ހުރި ނުރަނގަޅުކަންކަމުން ކުއްޖާ ސަލާމްތަކުރާނެ ގޮތާއި ދަރިންނާ މައިބަފައިން އޮންނަންވީ ގުޅުން ބެލެނިވެރިންނަށް ކިޔާދިނެވެ.

އެ ފޯރަމަށް ދިޔަ ކޮންމެ މީހަކަށް ވެސް އެ ހޯލަށް ވަދުމާއެކު ކަރުދާސްކޮޅެއްގައި ޖަހާފައި އޮތް ނަމްބަރެއް ދިނެވެ. ފޯރަމް ނިންމާލީ ފޯރަމުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުނަށް ހަދިޔާ ދެނުމަށްފަހު އެވެ. ހަދިޔާ ގޮތުގައި ނަގުދު ފައިސާ އާއި ރޯދަ ވިއްލުމާއި ފިހާރަތަކުން ދިން ވައުޗަރ ހިމެނެ އެވެ.

ފޯރަމުގައި ބައިވެރިވި އެންމެންގެ މޫނުމަތިންވެސް ފެންނުނީ އުފާވެރިކަމެވެ. މިއީ ބެލެނިވެރިންނަށް އިތުރުކުރަން ޖެހޭ ފޯރަމްތަކެއް ކަމަށް ހުރިހާއެންމެންވެސް ގަބޫލުކުރި އެވެ. އަދި މިއީ ޑަބްލިޔުޑީސީގެ ރަނގަޅު މަސައްކަތެއްކަން ޝުކުރުވެރިކަމާއެކު މީހުން ގަބޫލުކުރި އެވެ.