މިހިނގާ އޭޕްރިލް މަހު މިހާތަނަށް ރާއްޖެއަށް 129،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 129،485 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް 131،764 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ފެބުރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު 150،739 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 560،996 އަށް އަރާފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 73،107 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން އައިސްފައިވަނީ 65،412 ފަތުރުވެރިންނެވެ. އަދި ރަޝިޔާއިން 56،162 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒްލެންޑް، އޮސްޓްރިއާ އަދި ސައުދި އަރަބިއްޔާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ގައި 54،662 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 164 ރިސޯޓުގައި 39،196 އެނދު، 659 ހޮޓެލް، ގެސްޓްހައުސްގައި 12،696 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2954 އެނދެވެ.
މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.