Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ނިއުކާސަލް ބަލިކޮށް ލިވަޕޫލް އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ނިއުކާސަލް ޔުނައިޓެޑް 1-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް އަލުން ލިވަޕޫލް އަރައިފި އެވެ.

މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 34 މެޗުން ލިބުނު 82 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 33 މެޗުން ލިބުނު 80 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއްވަނަ އަލުން ސިޓީ އަށް ލިބޭނެ އެވެ.

މިއަދުގެ މޮޅާއެކު ލިވަޕޫލުން މިހާރު ވަނީ ލީގުގައި އެންމެފަހުން ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފަ އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗަށް ލިވަޕޫލުން ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން އެޓީމުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހު އާއި ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އަދި ދެ މިޑްފީލްޑަރުން ކަމަށްވާ ފަބީނީއޯ އާއި ތިއާގޯ އަށް ފުރަތަމަ އެގާރައިން ޖާގަދީފައެއް ނުވެ އެވެ.

ލިވަޕޫލުން ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ. އެގޮތުން ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށް ލިވަޕޫލް ވަނީ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލާފަ އެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ ވިޔަރެއާލްގެ ދަނޑުގަ އެވެ.

މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ނެބީ ކެއިޓާ އެވެ. ކެއިޓާ މި ގޯލު ކާމިޔާބުކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އެޓީމުގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ހަމަލާއަކުންނެވެ.

ލިވަޕޫލްގެ ލީޑު ފުޅާކޮށްލަން ސަޑިއޯ މާނޭ އާއި ޑިއޯގޯ ޖޯޓާ އަށް ވެސް ފުރުސަތުތަކެއް ލިބިފައިވެ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވެސް ދިފާއުކުރީ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރަވްކާ އެވެ. މެޗުގެ ދެވަނަ ހާފްގައި ނިއުކާސަލް އިން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ލިވަޕޫލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލުން ނިކުންނާނީ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓޮޓެންހަމްއާ ދެކޮޅަށެވެ.