Last Updated: June 9, 07:00
Friday, June 9, 2023
ކުޅިވަރު

މަޝްހޫރު ފުޓްބޯޅަ އެޖެންޓް ރަޔޯލާ މަރުވެއްޖެ

މަޝްހޫރު ފުޓްބޯޅަ އެޖެންޓް މިނޯ ރަޔޯލާ މަރުވެއްޖެ އެވެ.

ރަޔޯލާ މަރުވިކަން އޭނާގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ. ރަޔޯލާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 54 އަހަރުގެ ރަޔޯލާ އަކީ ފުޓްބޯޅަ އެޖެންޓުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ފަރާތެވެ. އޭނާ އެޖެންޓްކަން ކުރަމުން އައި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އާއި ބްރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިންގް ހާލަންޑް އާއި ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާގެ އިތުރުން އޭސީ މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ފުޓްބޯޅަ އެޖެންޓެއްގެ އިތުރުން ރަޔޯލާ އަކީ ފުޓްބޯލް ފޯރަމްގެ ރައީސްކަން ވެސް ކުރަމުން އައި ފަރާތެވެ. އެ ޖަމިއްޔާ އަކީ އެޖެންޓުންނާއި ކުޅުންތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ.