ސޯޝަލްމީޑިއާ މެދުވެރިކޮށް މަކަރާ ހީލަތުން ފައިސާ ހޮދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއްހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސް ޝެއާކުރަމުންދާ ކަމަށެވެ. އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ މިފަދަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެއްވެސްކަމެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.