Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"މޭ ޑޭ" ހިނގާލުން ބޭއްވުމުގެ ހުއްދަ ދީފި

ފުލުހުންގެ މައި އިދާރާ

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

"މޭ ޑޭ" ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފައިނުވާކަމުގެ އަޑުތައް ފެތުރުނުއިރު އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ އިދާރާއިން އެދިފައިވާނީ މަޖީދީ މަގުގައި ހިންގާލުން ކުރިއަށް ނުގެންދިއުމަށް ކަމަށެވެ.

"މޭޑޭގައި ބާއްވަން ރާވާފައިވާ ރެލީއާ ގުޅޭގޮތުން ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ފުލުހުން ދަންނަވާފައިވާނީ ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީއާއި ވަކިން ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށް." ފުލުހުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެ ހިނގާލުން ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ ފަހުން ފުލުހުން ބުނެފައިވަނީ މޭޑޭ ރެލީ އޯގަނައިޒް ކުރާ ފަރާތާއެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"މޭ ޑޭ" ހިނގާލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހިނގާލުމެކެވެ. މިއީ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދިނުމަށް ގޮވާލާ ކުރިއަށްގެންދާ ހިންގާލުމެކެވެ.