Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު ރައީސް ސޯލިހު

ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއްކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމަށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި އެއް ވާހަކައަކީ، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް، މި އަހަރުގެ މޭ މަހުން ފެށިގެން ގެންނާނެ ވާހަކަ ކަމަށާއި، މި ސަރުކާރުން ތަޢުލީމަށް ބޮޑު ސަމާލުކަމެއް މިދެނީ، ވިސްނުން ތޫނު ޢިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ. މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރާ ކަމަށާއި، އެއީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށްވެސް ގަބޫލުކުރާ ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު އެ ވަޢުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މޭ މަހާއެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެކަން އިޢުލާނު ކުރުމަކީ، މި އުފާވެރި ފިޠުރު ޢީދާއި، މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް."

ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް ކަމަށެވެ. ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ކަމަށާއި، ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި ކަމަށެވެ.

"ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ."

ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ މިސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ. އެހެންކަމުން މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.