Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ: ރައީސް ސޯލިހް

ފޮޓޯ: ރައީސް އޮފީސް

އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމަށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ ބުރަ މަސައްކަތް ހަނދާންނައްތާނުލާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަންނަނީ ދިރާސާކުރަމުން ކަމަށެވެ.

"މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް. އަޅުގަނޑު ދެކޭގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް."

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި ކަމަށެވެ.

"ސުއްހަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިސާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން."

ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން ކަމަށެވެ.