Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ނަސްރިއްޔާގައި ދަތުގެ ސްކްރީނިންއެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ޑރ. އިބްރާހިމް ދީދީ ދާދި ފަހުން ހުޅުމީދޫގައި ހުޅުވި ޑރ. ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓާރގެ ފަރާތުން ހުޅުދޫ ނަސްރިއްޔާ ސްކޫލް ކުދިންގެ ޑެންޓަލް ސްކްރީނިން ސެޝަނެއް ބާއްވައިފި އެވެ.

ހޮނިހިރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 4:30 އަށް ބޭއްވި މި ސެޝަނުގައި އެސްކޫލްގައި ކިޔަވާ ދަރިވަރުންގެ ދަތްތައް ބަލައި ސްކްރީންކޮށް ދަތަށް ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު އަރުވާފައެވެ.

ޑރ. ޑީޑީ ވިދާޅުވީ މިމަސައްކަތަކީ ކްލިނިކްގެ ފަރާތުން ހުޅުމީދޫގެ ރައްޔިތުންނަށް ކޮންމެ މަހަކު އެއްފަހަރު ދިނުމަށް ނިންމާފައިވާ ހިދްމަތެއް ކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ މީހުން ހޭލުންތެރިކޮށް ދަތްތަކަށް ދޭ ސަމާލްކަން އިތުރުކޮށް، އާއްމުކޮށް ދަތަށް ޖެހޭ ބަލިތައް މީހުންނަށް ބުނެ ދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ހަރަކާތަށް ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންގެ ބޮޑު ތަރުހީބެއް ލިބިފަިއވާ ކަމަށް ޑރ. ޑީޑީ ވިދާޅުވުއެވެ.

ޑރ. އިބްރާހިމް ދީދީ އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާރ މިނިސްޓަރަކަށް ހުންނަވައިގެން ހުޅުމީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްކޮށްދެއްވި ބޭފުޅެކެވެ. އަދި ޑީޑީ ފާހަނގަވެގެން ގޮސްފައިވަނީ އަތޮޅާއި ރަށައް ތަރައްޤީ ގެނައުމަށް އަޑުއުފުލާ މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ،

ޑީޑީގެ ކްލިނިކްގެ ހިދްމަތަކީވެސް މިފަދަ ގޮތަކަށް ރަށައް ހިދްމަތްކޮށް ދިނުމަށް ފަށާފައިވާ މަސައްކަތެކެވެ. އަދި މި ކްލިނިކަށް އާއްމުންގެ ބޮޑު ތަރްހީބެއް އަންނަނީ ލިބެމުންނެވެ.