Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

މާލޭގައި މާރާމާރީތަކެއް، ހަތަރު މީހަކަށް ފަރުވާދެނީ

މާލޭގައި މިއަދު މާރާމާރީތަކެއް ހިންގައި ބަޔަކު ޒަހަމްކޮށްލި މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިއަދު ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މާރާމާރީއެއް ހިންގުމުގެ ކުރިން ފަތިހު މާވެޔޮ މިސްކިތް ކައިރީގައި ވެސް މާރާމާރީ ހިންގި އެވެ. މި ދެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހަކު ޒަހަމްވެފައިވެ އެވެ. އެގޮތުން މާރާމާރީތަކުގައި އަނިޔާވި ހަތަރު ޒުވާނަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ހެނދުނު ހިންގި މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. އެ މާރާމާރީގައި އަނިޔާވި މީހާ ފުލުހަކާއި އާންމުން މަގުމަތިން ނަގައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.

ނަމަވެސް އަނިޔާވި މީހުންނަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފުސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ ފަތިހު މާރާމާރީ ހިންގީ 6:00 ޖަހަން އުޅެނިކޮށް ކަމަށާއި ދެވަނަ މާރާމާރީ ހިންގީ ހެނދުނު 9:30 އެހާކަށްހާ އިރު ކަމަށެވެ.