ރާއްޖޭގެ ބަޖެޓް ތަންދޭ ގޮތުން އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ސަރުކާރަށް އުފުލޭނެ ބުރައެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އިއުލާންކުރަން އިއްޔެ ބޭއްވި ނޫސްވެރިންފެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދަރަނިތަކެއް ދައްކަން އޮތަސް އަންނަ އަހަރު ދައްކަން ޖެހޭ އަދަދު އިތުރު ނުވާނެ ކަމަށެވެ.
"މި އަހަރު ތެރޭގައި ދައްކަން ޖެހޭ ދަރަނި ވަކި މި އަންނަ އަހަރަށް ބޮޑުވެގެނެއް ނުދާނެ. މި އަހަރު ތެރޭގައި އަޅުގަނޑުމެން ސަނީ ސައިޑުގެ ބޮންޑަށް ދައްކަން ޖެހޭ ފައިސާގެ ފަންސާސް އަށް މިލިއަން ޑޮލަރު ދައްކަން އަދިވެސް އެބައިން،" އަމީރު ވިދާޅުވި އެވެ. "މި އަންނަ އަހަރު އެއަށްވުރެ ބޮޑެއް ނުވާނެ."
ބަޖެޓް ތަންދޭ ގޮތަށް ބަލާ އިރު މުސާރައް ބޮޑުކުރުމަކީ ސަރުކާރަށް ކުރެވޭ ވަރުގެ ކަމެއްތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓަށް އަންނަ ބަދަލުތަކާ އެއްކޮށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"އެ ޔަގީންކަން އޮތީމަ އަޅުގަނޑުމެންނަށް އޮތީމަ މިހާރު މިއަދު އަޅުގަނޑުމެން މި މަސައްކަތް މި ފަށައިގަތީ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ސިއްހީ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލުންނާ ވެސް ބައްދަލުކޮށް މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަން ވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ސަރުކާރުން އިއްޔެ ގެނައި ބޮޑު ބަދަލަކީ ރާއްޖޭގެ ތާރީހުގައި ވެސް އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް މިހާތަނަށް ގެވެނުނު އެންމެ ބޮޑު ބަދަލެވެ.