Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

އުހުރަވީ ނަޒަރު

މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެ އެވެ.

ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސްލިމްއަޅާ އިސްކުރާނީ ދީނީ ވިސްނުމެކެވެ. މާތް ﷲ ރުއްސެވުމާއި ފުއްސެވުމެވެ. އުޚުރަވީ ޙަޔާތެވެ. އުޚުރަވީ ނަޒަރެވެ. މާއްދިއްޔަތަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. މާއްދީގޮތުން އޭނާ ޙާސިލުކުރާ ހުރިހާ ކަމެއް ވެސް ގޮސް ގުޅިފައި އޮންނާނީ އުޚުރަވީ ޙަޔާތާއެވެ. އެފަދަ މީހަކީ މާއްދިއްޔަތުގެ އަޅަކަށް ވެގެނެއް ނުދާނެއެވެ.

މުސްލިމް އަޅާ ވަޒީފާއެއް އަދާކުރާނަމަ، އޭނާ އެކަން ކުރާނީ އަމާނާތްތެރިކަމާ އެކުއެވެ. ތެދުވެރިކަމާ އެކުއެވެ. އޭނާގެ އަބަދުގެ ފިކުރަށް ވެފައި އޮންނާނީ މި ވަޒީފާއިން ތިމާއަށް މި ލިބޭ މުސާރައަކީ ޙަލާލު އެއްޗަކަށް ހެދޭތޯއެވެ. ވަޒީފާއަށް ފަރުވާ ކުޑަކޮށް، މަޤުބޫލު ސަބަބެއްނެތި ސަލާމްބުނެ، އުޒުރެއްނެތި ހާޒިރު ނުވެ އޭނާ ނުހުންނާނެއެވެ. އެއީ އޭނާއަށް ލިބޭ މުސާރަ ޙަލާލު ނުވެދާނެ ސަބަބަކަށް ވެދާނެކަމުގެ ބިރަށެވެ. އަދި އެކަމުގެ ސަބަބުން ޤިޔާމަތްދުވަހުން އޭނާ ކުރިމަތިލާން ޖެހިދާނޭ ދަތިތަކަކަށެވެ.

ޚާއްޞަކޮށް، މުސްލިމް ރައްޔިތުންތަކެއްގެ ޒިންމާ އެމީހެއްގެ ކޮނޑުގައި އަޅަން ޖެހޭ ވަޒީފާއެއްނަމަ، އޭނަ އިތުރަށް އެކަމަށް ބިރުވެތިވެ ފަރުވާތެރިވާނެއެވެ. އެހެނީ، ޤިޔާމާތްދުވަހުން އެ ހުރިހާ ރައްޔިތުންތަކެއްގެ ޙައްޤުތަކާ ބެހޭގޮތުންވެސް އޭނައާ ސުވާލު ވެވޭނޭކަން އޭނާ ރަނގަޅަށް ދަނެއެވެ. އެދުވަހުން ސަލާމަތެއް ލިބޭނީ މިއަދު އެ ޙައްޤުތަކަށް ރައްކައުތެރިވެ އެ ޙައްޤުތައް ބަރާބަރަށް އަދާކޮށްގެންކަން އޭނާއަށް އެނގެ އެވެ.

ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި މަޤާމާއި ވަޒީފާ މަތިވި ވަރަކަށް އެއީ ލިބޭ ޝަރަފެއްކަމުގައި ދެކޭ ދެކުމެވެ. ހަމައެކަނި މާއްދީ ނަޒަރަކުން އެކަމާމެދު ވިސްނާ ވިސްނުމެވެ. ނަމަވެސް އުޚުރަވީ ނަޒަރަކުން ވިސްނާނަމަ، އެމީހަކުގެ ބޮލުގައި އެމީހަކު އެ އަޅުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތުތަކެކެވެ. އެކަމާމެދު ތުނޑުންތުނޑަށް ޤިޔާމަތްދުވަހުން މާތް ﷲ ސުވާލުކުރައްވާނެ އެވެ.

މުޖުތަމަޢުގައި މިއޮތް މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަންނަން ބޭނުންނަމަ، އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކޮށް، އަޅުގަނޑުމެންގެ ނަޒަރު އުޚުރަވީ ޙަޔާތަށް އަމާޒުކުރަން ޖެހޭނެއެވެ. ކުރާ ކޮންމެކަމެއްގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަން ޖެހޭނެ އެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ.