Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"އިންޑިއާ އައުޓް" ގޮވުމަކީ ހައްގެއް: ސައީދު

"އިންޑިއާ އައުޓް" ގޮވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ލ. މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއްގެ ބޭނުންކުރުމުން ބިރާއި ބާރު ދެއްކުމަކީ ރާއްޖެ ފަދަ ކުޑަކުޑަ މުޖުތައުމުއެއްގައި ގާނޫނީ ވެރިކަން ވެސް ނުހިނގާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ސައީދު މި ގޮތަށް ޓްވީޓްކުރައްވާފައި މި ވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނަށް މާލޭގައި ދަމަމުން އަންނަ ބޮޑު ބެނާތައް މިހާރު ފުލުހުން ނަގަމުންދާތީ އެވެ. ސައީދަކީ އެ ކެމްޕޭނުގެ ހަރަކާތަކާ ގުޅިގެން ދާދި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ މީހެކެވެ.

އޭނާ ވިދާޅުވީ "އިންޑިއާ އައުޓް" ގޮވާތީ ބިރު ދައްކައި އިންޒާރު ދިނަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސަަރުކާރާ އެކީ ހަދާފައިވާ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފު އެއްޗެހި ކަމަށެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭން ހުއްޓުވަން ސަރުކާރުން މިދިޔަ މަހު ވަނީ އެއީ ގައުމީ ސަަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ރިޔާސީ ގަރާރަކުން ކަނޑައަޅައިފަ އެވެ. އެ ގަރާރު ބާތިލުކޮށްދޭން ޕީޕީއެމުން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.