Last Updated: June 29, 21:20
Monday, June 29, 2026
ރިޕޯޓް

ހިންގޭކަށް ނެތް، ވިއްކޭކަށް ނެތް، ދެވޭކަށް ނެތް!

ރާއްޖޭގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަކީ އައްޑޫ ރައްޔިތުންގެ ބޮޑު ހިއްސާއެއްވާ މަސައްކަތެކެވެ. ފަތުރުވެރިކަމުގެ އެންމެ މަތީ ހަރުފަތުގައި ގިނަ އައްޑޫ މީހުން ތިބިއިރު އައްޑޫއަށް ނިސްބަތްވާ ބައެއް ފަރާތަކުން ރިސޯޓްތައް އަންނަނީ ހިންގަމުންނެވެ. އެހެންވެ ފަތުރުވެރިަކމަކީ އައްޑޫއާއި ގުޅިލާމެހިފައިވާ ސިނާއަތެކެވެ.

ރާއްޖޭގެ އެންމެ ދެކުނު ބިތުގައި އޮތް އައްޑޫ ރައްޔިތުންގެ ބޮޑުބައެއް 80 އިގެ ކުރީކޮޅުން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތު ކޮޅަށް ނެގުމަށް އެމީހުންގެ އާއިލާ ތަކާއި އަނބިދަރީން ދޫކޮށް ވަނީ މާލެ އަތޮޅަށް ހިޖްރަކޮށްފައެވެ. އެމީހުންގެ ބޮޑު ގުރުބާނީ އާއި އެކު މިއަދު މިސިނާއަތް މިވަނީ ވަރަށް ބޮޑަށް ކުރިއަރައި ގޮސްފަ އެވެ.

މި މަސައްކަތުގައި އިސްވެ އުމުރުގެ ބޮޑުބައި ހޭދަކުރި ގިނަ ރައްޔިތުން މިއަދު ބޭނުންވަނީ ލިބުނު ތަޖްރިބާ އާއި އެކު އެނބުރި އަމިއްލަ ރަށައް ވަޒަނަށް ބަދަލުވާށެވެ. ތަޖްރިބާގެ އަލީގައި އަމިއްލަ އަތޮޅުގައި މިސިނާއަތް ކުރިއަރުވައި ގިނަ ބަޔަކަށް އޭގެ މަންފާ ހޯދައި ދިނުމަށެވެ. އެކަމަކު އެކަމަށް އަދި ހައްލެއް ނެތެވެ.

2005 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި ސ.ހުޅުދޫގެ ދެކުނުން އޮންނަ ހެރެތެރެ ކިޔާ ސަރަހައްދު ޓޫރިޒަމާ ގުޅޭ ކަންތައްތަކުގައި ބޭނުންކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރެއްވުމަށް ސަރުކާރުން ހަމަޖައްސެމާއި ގުޅިގެން އެތައް ބަޔަކަށް އުއްމީދުތަކެއް ލިބިގެންދިޔައެވެ.

އަދި ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާކުރާ ގޮތަށް ޕްލޭން ކުރެވިގެން އެމްޓީޑީސީގެ ނަމުގައި ފަތުރުވެރިކަމުގެ ކުންފުންޏެއް އުފައްދައި އެކުންފުނިން ހެރެތެރެ ތަރައްޤީ ކުރަން ނިންމުމުން އައްޑޫ ރައްޔިތުން ވަނި އެތައް ލައްކަ ރުފިޔާއެއްގެ ހިއްސާ އެކުންފުނިން ގަނެ މިކަމުގައި ބައިވެރިވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖެނުއަރީ 31، 2008 ވަނަ ދުވަހު ހެރެތެރެ ހުޅުވާދެއްވި އިރު އެރަށް އޮތީ 100 ޕަސެންޓް ފުރިފައެވެ. ދެންވެސް އައީ ފުރެމުންނެވެ. އެމްޓީޑީސީން ބުނަމުން އައީ ރަށް ހުޅުވުމުގެ އެއް އަހަރު ކުރިން ރަށް ފުލްވެފައިވާ ކަމަށެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއެރާނެކަމާއި އޭގެ ސަބަބުން އައްޑޫ ހީނުކުރާ ވަރުގެ ތަރައްޤީއެއް ހޯދާނެކަން އެނގުނު ހިސާބުން ހެރެތެރެ ސިޔާސީ ވެއްޖެއެވެ. އެއާއި އެކު މެނޭޖްމަންޓްގެ މައްސަލަތައް އުފެދި އެންމެ ފަހުން އެމްޓީޑީސީގެ އެތެރޭގައި "ފަނި" އަޅައިފިއެވެ.

ފިސާރި ފުރިހަމައަށް ހިނގަ ހިގާއޮތް ރިސޯޓް ކުއްލިއަކަށް ހުއްޓޭގޮތްވެއްޖެއެވެ. އެރަށުގެ ބީޗެއް ނެތިގެން އެތަން ހަދަން ބަޔަކަށް ދޭން ޖެހިއްޖެއެވެ. އެކަން ކުރަން އިތުރަށް ފައިސާ ހޯދާނެގޮތެއް ބަލަން ޖެހިއްޖެއެވެ. ހިންގަން އެހެން ބަޔަކު ވޭތޯ ބަލަން ޖެހިއްޖެއެވެ. އެންމެފަހުން ހެރެތެރޭގެ މައްސަލަ އޮޅުން ބޮޅުން ގަޑެއްގެ ތެރެއަށް ގޮއްސިއެވެ.

ދުވަސްތަކެއް ނުވެ، މަޝްހޫރު ވިޔަފާރިވެރިއާ ޖާބިރު އާއި ހެރެތެރެ ހިންގަން ހަވާލުކުރެވުނެވެ. ގިނަ ދުވަސްތަކެއް ނުވެ އެމްޓީޑީސީ އާއި ޖާބިރު އާއި ޖެހުނު މައްސަލައެއްގައި ރިސޯޓްގެ ތަންތަން ހަލާކޮށް "ދޮވެލައި" އިތުރަށް ހެރެތެރޭއާއި ގުޅޭ މައްސަލަ ތަކާއި ގެން ޖާބިރު ކޯޓަށް ވަދެއްޖެއެވެ.

ދެންވެސް ފެނިގެން ދިޔައީ ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް އެމްޓީޑީސީން މަސައްކަތް ކުރަމުން ދިޔަތަނެވެ. އެމްޓީޑީސީ ބޭނުންވާ ފަދަ ބަޔަކު ދުވަހަކުވެސް އެތަނަށް ކުރިމަތި ނުލައެވެ. އަބަދު އޮންނަނީ އިއްލާން ކުރުމެވެ. ދެން އިއްލާމް ކެންސަން ކުރުމެވެ. އަނެއްކާ ފުރުސަތު ހުޅުވާލައެވެ. ސަރުކާރުން އިންތިހާބް ބޯމަތިވާ ކޮންމެ ދަނޑިވަޅެއްގައި ހެރެތެރޭގެ މައުޟޫއު ނަގައި ރައްޔިތުންގެ ބޮލަށް ސަވާރުވެއެވެ.

ބޮޑެތި ކަރަޕްޝަނާއި ފަސާދަ އަށަގެންފައިވާ އެމްޓީޑީސީ ބޯޑު އުވާލައި ގާބިލް ބަޔަކު ގޮވައިގެން އެމްޓީޑީސީ ހިންގާކަށް ސަރުކާރުން ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ބަލަނީ އެތަން ވީހާވެސް ކޮރަޕްޓް ގޮތަކަށް ބާއްވައިގެން ތިބުމެވެ.

މިއަދު ރިސޯޓް ހިންގާނެ ބަޔަކު ނުވެގެން އެންމެ ފަހުން ވިއްކާލަން އުޅުމުން އެކަން ވެސް ހުއްޓުވީއެވެ. ކުންފުންޏަކާއި އެމްޓީޑީސީ އާއި ޖެހުނު މައްސަލައަކާއި ގުޅިގެން ހެރެތެރެ ގަންނަން އުޅުނު ފަރާތައް ނުވިއްކޭނެކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެންވެ ހެރެތެރެ އަކީ ހިންގޭކަށް ނެތް، ވިއްކޭކަށް ނެތް، ހިންގަން ބަޔަަށް ދެވޭކަށް ނެތް "ސިޔާސީ" ބޮޑު އަރަތެކެވެ.

އައްޑޫ ރައްޔިތުން އަދިވެސް ސަރުކާރުން ދައްކާ ދަޅައަށް ބަލައިގެން ތިބޭށެވެ. "ޔަޤީން"ވެ ކަށަވަރުވާ ކަމަކީ ހެރެތެރެ ހިންގިޔަ ނުދޭނެކަމެވެ. ބަލަން ތިބެމާ ހިނގާށެވެ.