މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށްފައިވާކަމަށެވެ.
މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށާއި އަދި ބަލައިފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ޖުމްލަ 79 ފުޅި ބަނގުރާ ފެނިފައިވާއިރު 245،000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14،500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.