ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވި ހުޅުދޫ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ސ. ހުޅުދޫ، އުދަރެސް، ނިޝާމް، 21، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ޙުކުމްކޮށްފައި ވަނީ ޖުލައި 8، 2012 ވަނަ ދުވަހު 13:30 ހާއިރު މާފަންނުގައި ހުންނަ ބުކްޝޮޕެއް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު ނިޝާމް ބިންމައްޗަށް ވައްޓާލި ސިޓީއުރައެއްގެ ތެރެއިން ޑައިމޯފިން ހުރި ރަބަރު 20 ޕެކެޓް ފެނިފައިވާ މައްސަލައާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވަނީ ހުރި ބުކްޝޮޕެއް ކައިރިން މި މުޢާމަލާތް ހިންގަނިކޮށް ފެނިފައި ވަނީ ފުލުހަކަށް ކަމަށާއި އޭނާ އަށް އެ މަންޒަރު ފެނުމާއެކު ޑްރަގް އޮޕަރޭޝަނަށް އެކަމުގެ މަޢުލޫމާތު ދީ ގަލޮޅު ދަނޑުގެ ހަ ނަންބަރު ގޭޓް ކުރިމައްޗަށް އޮންނަ ގޯޅި އާ ހަމައަށް ދިއުމާ ހަމައަށް ނިޝާމްގެ ޢަމަލުތައް މޮނީޓަކޮށް ޑްރަގް އޮޕަރޭޝަންގެ ފުލުހުން އައުމުން އެ ދައްކާފައި ވަނީ އެ ފުލުސް މީހާ ކަމަށެވެ.
އަދި ނިޝާމް ބިންމައްޗަށް ވައްޓާލި ސިޓީއުރަ ތެރެއިން ފެނުނު ރަބަރު ޕެކެޓްގައި ޖުމްލަ 24.4916 ގްރާމް ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ޙުކުމުގައި ވެ އެވެ.
ނިޝާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ނިޝާމްގެ އަތުން ފެނިފައިވާ 10،140 ރުފިޔާ އަކީ ނިޝާމް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ނޫންކަން ނިޝާމަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ފައިސާއަކީ ނިޝާމް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަަޅައި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 158 ވަނަ މާއްދާއަށް ރިޢާޔަށްކޮށް އެ ޤާނޫނުގެ 156 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިޝާމް އަތުން ފެނިފައިވާ ފައިސާ ދިވެހި ދަޢުލަތަށް ނެގުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފަ އެވެ.