ފިތުރު އީދު ދުވަހު ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެތަނުން ބުނީ އިއްޔެ ވެސް ސައީދު ފެނޭތޯ ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެެ. ފުވައްމުލަކު ނީމޯ (ނޫވިލް) ސައީދު، 35، ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ އިރު، އޭނާ މަސް ހިފަން ބޭނުންކުރި އާލާތެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ސައީދު ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ އިތުރުން އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ސައީދު ޑައިވިނަށް ފޭބި "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ސައީދު ހޯދުމިގެ އޮޕަރޭޝަނަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭނާއާ އެއްވެސް ޚަބަރެއްވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް ވެސް އެދިފަ އެވެ. އަދި ސައީދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައިދޭން ވެސް އެދިފައިވެ އެވެ.
ޑައިވިންގެ ތަޖުރިބާކާރެއް ކަމަށްވާ ސައީދަކީ ތިން ކުދިންގެ ބައްޕައެކެވެ.