Last Updated: May 2, 08:37
Thursday, May 2, 2024
ޚަބަރު

ނަޝީދުގެ ފެކްޝަނުން ޝައުނާއަށް ކޮރަޕްޝަނުގެ ތުހުމަތު!

Minister Shauna
Minister Shauna

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް އިކްނޮމިކް ފައްޔާޒު އިސްމާއިލް ގެނައުމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ތާއީދުކުރިކަން އެނގިވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް އެކަމަށް ފާޑުވިދާޅުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ފާޑު ވިދާޅުވުމަކަށްވުރެ ބޮޑަށް ރައީސް ނަޝީދު ކުރެއްވީ ބޮޑު ތުހްމަތެކެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުން ފައްޔާޒުއަށް ތާއިދުކޮށް ޝައުނާ ދެއްކެވި ވާހަކައަކީ ވަޒީފާ ހިމާޔަތްކުރައްވަން އޭނާގެ އަމިއްލަ އެދުމަށް ކުރެއްވި ކަމެކެވެ.

އޭގެ ފަހުން މިހާރު ވަނީ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕުތަކުގައި ޝައުނާއަށް ފާޑުކިޔުން އިތުރުވެފަ އެވެ. ރައީސް ނަޝީދުގެ ފެކްޝަނުގައި ތިއްބެވި ބޭފުޅުން އެޑްމިންގައިތިބި ބައެއް ގުރޫޕްތަކުގައި މިނިސްޓަރ ޝައުނާއަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރަން ފަށައިފިއެވެ.

އޭގެ ތެރޭގައި މާލޭގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު އެޑްމިންއަކަށް އިންނަވާ އެމްޑީޕީގެ އަންހެނުން ރޫހުގެ ވަޓްސްއަޕް ގުރޫޕެއްގައި ޝައުނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތަކެއްކޮށްފައިވެ އެވެ. އެގޮތުން ތިލަފުށީގައި ކުނި ނައްތާލަން ހިންގާ ޕްރޮޖެކްޓުން ތިން މިލިއަން ޑޮލަރު ޝައުނާ ނެންގެވި ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން މީހަކު ތުހްމަތުކޮށްފައިވެ އެވެ. އަދި ލިބިވަޑައިގަންނަވާ މުސާރައާ ނުބައްލު އަގެއްގައި ހުޅުމާލެއިން އެޕާޓްމަންޓެއް ބައްލަވާގެންފައިވާ ކަމަށްވެސް ތުހްމަތުކޮށްފައިވެ އެވެ.

"ޝައުނާވެސް މިއީ ބޮޑު ކޮރަޕްޓްމީހެއް. މި މީހުން ކޮށްފައި ތިބި މި ކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ ދެއްކިދާނެ،" އެ ގުރޫޕްގައި ބުނެފައިވެއެވެ.

ފައްޔާޒުއަށް ތާއިދުކުރާ އެމްޑީޕީގެ އިސް މެމްބަރަކު ބުނީ އެ ޕާޓީގެ އިސް ބޭފުޅުން ތިއްބަވައިގެން ވަޒީރުންނަށް އެފަދަ ތުހްމަތުތައް ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ޝައުނާއަށް ކޮރަޕްޝަނުގެ ތުހްމަތުކޮށް އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެއްގައި ލިޔެފައިވާ މެސެޖެއް:-

ފައްޔާޒުއަށް ތާއީދުކުރާ ކޮންމެ މީހެއްގެ ބޮލުގައި އެފަދަ ބޮޑެތި ތުހްމަތުތައް އަޅުވަމުންދާމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިންވެސް ފައްޔާޒުއަށް ތާއީދުކުރާ މެމްބަރުން ބަދުނާމުކޮށް އެމީސްމީހުންގެ ފޮޓޯ ސޯޝަލް މީޑިޔާ އައްމުކޮށް ބަދުނާމުކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީ އަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުންނަށް އެމްޑީޕީ އަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ޝައުނާއަށް ކުރި ތުހްމަތު އެމަނިކުފާނުގެ ފެކްޝަނުގެ އާއްމު މެމްބަރުން ތަކުރާރުކުރަން ފެށި އެވެ. އަދި އިތުރު ތުހްމަތުތައް ޝައުނާއަށް ކުރަންފަށާފައިވާއިރު ރައީސް ނަޝީދުގެ އެ އަމަލަފުޅަށް އާއްމު މެމްބަރުންގެ ތެރެއިން ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ޝައުނާއަށް ފާޑުކިޔުން އަމާޒުކުރަން ހިތްވަރަކަށްވީ ރައީސް ނަޝީދުކަމަށް ބައެއް މެމްބަރުން ދެކެ އެވެ. އަދި ނަޝީދު ބޭނުންފުޅުނުވާ މީހަކަށް އެހެން މީހަކަށް ތާއީދުކުރެވެންވެސް ނެތީތޯ އާއްމު މެމްބަރުން ސުވާލު އުފައްދަ އެވެ.