Last Updated: June 29, 21:20
Monday, June 29, 2026

ސްޓޭޑިއަމްގައި ކަރަންޓެއް ނެތް!

އަންނަ މޭއި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އޭއެފްސީ ޗެލެންޖް ކަޕަށް" ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ބާރު ސްޕީޑެއްގައި އަމީން ކޮންސްޓްރަކްޝަނުން ކުރަމުން ދަނިކޮށް ފެނަކަ ކޯޕަރޭޝަނުން ސްޓޭޑިއަމްގެ ކަރަންޓް ކަނޑާލައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ކަނޑާލާފައިވަނީ ސްޓޭޑިއަމްގެ ބިލްތަކަށް ފައިސާ ނުދައްކައި އޮތުމުންނެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ސްޓޭޑިއަމްގެ އިސް ފަރާތެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސްޓޭޑިއަމް އިން ކަރަންޓް ކަނޑާލުމާ ގުޅިގެން މަސައްކަތަށް ބުރޫ އަރާފައިވާ އިރު އަދިވެސް ފެނަކަ އިން ކަރަންޓް ގުޅައި ދީފައެއް ނުވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު (އަބްހަރީ ޒުހައިރު) މިއަދު ވިދާޅުވީ ސްޓޭޑިއަމްއިން މީގެ ކުރިން ކަރަންޓް ކެނޑިކަން އެނގިލައްވާ ކަމަށެވެ. އަދި އެ ފަހުން ކަރަންޓް ގުޅައިދީފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު މިގޮތަށް ވިދާޅުވި އިރު ކުރިން ސްޓޭޑިއަމް އިން ކަރަންޓް ކަނޑާފައި ނުވެއެވެ. އަދި ކަރަންޓް ކަނޑާފައި ވަނީ މިއަދު މެންދުރު އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނުން ބާރަށް ކުރިއަށް ގެންދާއިރު މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި މިގޮތަށް އިދާރީ މައްސަލަ ކުރިމަތިވާން ވެއްޖެ ނަމަ މަސައްކަތަށް ބުރޫ އަރާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

ސްޓޭޑިއަމްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 22 ވަނަ ދުވަހު އެވެ.