މި މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެންވަޔަރަމަންޓް މިނިސްޓަރު އައިނިމަތު ޝައުނާ ތާއިދުކުރެއްވުމުން، މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މީހުން މިހާރު ޝައުނާ އަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އެކި ކަހަލަ ވާހަކަތައް ދައްކާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ޝައުނާގެ ދިފާއުގައި ނުކުންނަވައިފި އެވެ.
އެމްޑީޕީގެ ބަޔަކު ޝައުނާ އަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ތެރޭގައި އަންހެނުންނަށް ހަގާކޮށް، ދޮގު ތުހުމަތު އަޅުވައި އަބުރު ކަތިލުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އެމްޑީޕީގެ ލީޑަޝިޕްގައި ތިބީ ވަރަށް މަދު އަންހެން ބޭފުޅުން،" އޭނާ ވިދާޅުވި އެވެ. "އެ ބޭފުޅުންނަށް، ހާއްސަކޮށް ޕާޓީގެ ތެރެއިން މި ގޮތަށް ހަގާކޮށް، ދޮގު ތުހުމަތުކޮށް އަބުރު ކަތިލުމަކީ ސިޔާސީ ދާއިރާ އަށް އަންހެނުން ނެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް."
MDPge leadership gai thibbevee v madhu anhen beyfulhun. Ebeyfulhunnah haassakoh party therein mi gothah hangaa koh dhogu thuhumathu koh aburu kathilumakee siyaasee dhaaira ah anhenun nerumah elhey v bodu huraheh. Mikan harukashi ibaaraathun kuvveri kuran.https://t.co/8T4GCpBgYA
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 5, 2022
ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) ގެ ފަޅިން ޝައުނާ އަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ތިލަފުށި ޕްރޮޖެކްޓްގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. ޝައުނާ އަށް މިފަދަ ތުހުމަތުތަކެއް ކުރި އިރު، އޭނަ އަކީ ވަރަށް ކުރިން ފެށިގެން އެމްޑީޕީގައި ވަރަށް އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަމަވެސް ނަޝީދު ވެސް ފައްޔާޒަށް ޝައުނާ ތާއިދުކުރެއްވުމުން ކޯފާ އިސްކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވާފައިވެ އެވެ.
ދާދި ފަހުން ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ މެމްބަރު ހިސާން ހުސައިން ވެސް ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވުމުން އިންތިގެ ފަޅިން ފާޑު ކިޔާފައިވެ އެވެ.