Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ނަޝީދުގެ ސަލާމަތަށް އެޅި ފިޔަވަޅުތަކަށް މަރުހަބާ ކިޔައިފި

މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް، ރައީސް ނަޝީދަށް ހަމަލާ ދިންތާ އެއް އަހަރުވުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ނަޝީދުގެ ސަލާމަތައް އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދީފައިވެ އެވެ.

" އެ ފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ." އެ ބަޔާނުގައިވެ އެވެ.

ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކު ހިންގި އަމަލެއް ކަމަށް ޤަބޫލުކުރާކަމަށާއި އެ އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާތީ އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

" އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުޤީޤު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ."

"ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގެއެވެ. މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިޕާޓީން ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުޤީޤު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާފައިވެ އެވެ.

" ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާއެވެ. މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް މިޕާޓީން ދެކެމެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ މިޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫނެވެ."އެމްޑީޕީގެ ބަޔާނުގައިވެއެވެ.