ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.
އެތަނުން އިއުލާންކުރީ ދެ ޖިންސްގެ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ވަޒީފާގެ 180 ފުރުސަތެވެ. މި ފުރުސަތުތައް ހުޅުވައިލީ އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށެވެ. މައިގަނޑު ޝަރުތަކީ ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 26 އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ޕްރިޒަންސް އޮފިސަރުންގެ އަސާސީ މުސާރަ އަކީ 6,050ރ. ކަމަށާއި މަގާމުގެ ހުވާކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500 ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 2،500ރ/ ލިބޭނެ ކަމަށެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސަކީ އަސާސީ މުސާރައިގެ 45 ޕަސެންޓް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސްގެ ވަޒީފާތަކަށް ހުޅުވާލި އިރު، ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން މާދަމާ އައްޑޫގައި އޯޕަންޑޭ ފަށާނެ އެވެ. އެގޮތުން މާދަމާ ހަވީރު ފޭދޫގައި އަދި މާދަމާ ރޭ ހިތަދޫގައި އޯޕަން ޑޭ ބާއްވާނެ އެވެ. އަދި އަނެއް ދުވަހު ހުޅުމީދޫގައި އޯޕަން ޑޭ އޮންނާނެ އެވެ.