ކުރިއަށް އޮތް މިއޮތް ހަފުތާއެއްހާ ދުވަސް ވާނީ އެމްޑީޕީ އަށް ވަރަށް ފޯރި ގަދަ ހަތް ދުވަހަށެވެ. އެ ޕާޓީގެ އާ ޗެއާޕަސަން ހޮވާ އިންތިހާބު އޮންނާނީ މި މަހުގެ 14 ގަ އެވެ. އެހެންވެ މި އިންތިހާބުގެ ކެމްޕޭންގެ ތެރެއިން އެރި ފޯރިގަނޑާއި ވާދަވެރިކަން އަދި ކުރިއަށް އޮތީ އެވެ.
އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އޮތް ވަރަކީ، މިކަމަކާ ހެދި މިހާރު އެމްޑީޕީ "ދެ ފަޅި" ވެސް ވެފައި އޮތުމެވެ.
ދެ ކެންޑިޑޭޓުންނާއި އެ ބޭފުޅުންނަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވި، އެކިއެކި ތުހުމަތުކޮށް، ކެމްޕޭންގެ ރޫހު ވެސް އޮތީ ފާޑެއްގެ ބައިވުމެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އިންތި އާއި އޭނަގެ ވާގިވެރިން ދަނީ ތަކުރާރުކޮށް ފައްޔާޒަށް ބަހުގެ ހަމަލާތައް ދީ، އެތައް ތުހުމަތެއް ވެސް އަޅުވަމުންނެވެ. އެގޮތުން އިންތިގެ ފަޅިން ފައްޔާޒާ ބެހޭ ގޮތުން ގެނެސްދޭ ތަސައްވުރަކީ އެއީ "އަސްލު އެމްޑީޕީ" މެމްބަރެއް ނޫންކަން ދެއްކުމެވެ.
ޗެއަރޕާސަން ކެންޑިޑޭޓް @faya_i އަދި އަންހެނުންގެ ރޫހުގެ ރައީސް ކެންޑިޑޭޓް @Roxeyna ނިލަންދެ އަތޮޅު އުތުރުބުރީ މެމްބަރުން ގާތަށް އެމްޑީޕީ ހިންގާލަން 🛥#MDPhingaalan #Faya4CP #Rozey4ARR pic.twitter.com/yiYBngKMXD
— Hussain Shafiu #MDPhingaalan (@charly_thuthu) May 7, 2022
އޭގެ ބަދަލުގައި އިންތި އަކީ ފެށުނީއްސުރެ އެމްޑީޕީ އަށް ވަފާވެރި، އެ ޕާޓީގެ އަސްލު މެމްބަރެއް ކަމަށް އަންނަނީ ބުނަމުންނެވެ. އެހެންވެ ފައްޔާޒާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ތެރޭގައި "ޕާޓީ ފުނޑާލަން" އުޅޭ ކަމަށް ތުހުމަތުކުރުން ހިމެނެ އެވެ. އިންތިގެ ފަޅިން ފައްޔާޒަށް ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައް ދީ ބައެއް ހާލަތްތަކުގައި "ޒާތީ ގޮތުން" ވެސް ދިމާކުރިޔަސް، އެފަދަ ވާހަކަތަކަކަށް ފައްޔާޒާއި އޭނަގެ ފަޅިން މާ ބޮޑު ރައްދެއް ވެސް ނުދެ އެވެ.
ދެ ކެންޑިޑޭޓުން ވެސް ފޯރީގައި ހުއްޓުމެއް ނެތި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މިހާރު އެތައް ރަށަކަށް ގޮސް ޕާޓީގެ އެތައް ބަޔަކާ ބައްދަލުކޮށްފި އެވެ. އެހެންވެ ނަތީޖާ އެނބުރޭނެ ގޮތް ވެސް އަންދާޒާކޮށް އެތައް ވާހަކައެއް ވެސް އަންނަނީ ދެކެވެމުންނެވެ.
ނިލަންދެ އަތޮޅު އުތުރާއި ދެކުނު އަދި މުލަކަތޮޅު އެމްޑީޕީ މެމްބަރުންވެސް ތިބީ ސާފު މަގު ފެންނަން އޮއްވައި، މިޕާޓީ ގޮތްނޭނގޭ ދިމާލަކަށް ފެޔަށް ދާން ދޫކޮށްލާ ގޮތަކަށް ނޫން.
އެމެންބަރުން ނުކުމެ ތިބީ މިޕާޓީގެ މިސްރާބު ސީދާކުރުމަށް އަޅުގަނޑުމެންނާ އެކު. pic.twitter.com/1qvAVHjUDr
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) May 5, 2022
އިންތިހާބު ބާއްވާ ދުވަސް ގާތްވަމުން އަންނަ އިރު، މި ކެމްޕޭނަށް މިހާރު އެމްޑީޕީގެ ކުރީގެ ޗެއާޕަސަން މުހައްމަދު ނަޝީދުގެ ނުފޫޒު ވެސް ބޮޑެވެ. އެ މަނިކުފާނު ހުންނެވީ އިންތިއާ އެކީގަ އެވެ. އެ ފަޅީގައި ދެން އެންމެ ނަގާ ކިޔާ އެކަކީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ އެވެ. އިންތިގެ ކެމްޕޭންގެ ތެރެއިން މިހާރު އެންމެ އެންމެ ބޮޑަށް ފެންނަނީ ފައްޔާޒަށް ތާއިދުކުރާ މީހުންނަށް ނަޝީދާއި އީވާ ވެސް ފާޑުވިދާޅުވާ ތަނެވެ.
ފާހަގަކޮށްލެވޭ ކަމަކީ ނަޝީދާ އެކީ އެމްޑީޕީގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ފައްޔާޒާ އެކީ ތިއްބެވި ކަމެވެ. އޭގެ ތެރޭގައި ޕާޓީގެ ޕީޖީ ގްޕޫރްގެ ލީޑަރު މުހައްމަދު އަސްލަމާއި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް (ކެރަފާ) ގެ އިތުރުން ބ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ހިމެނިވަޑައިގަންނަވަ އެވެ. ހަމަމިއާ އެކު ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ވެސް ގިނަ ބަޔަކާއި މިނިސްޓަރުންގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ފައްޔާޒާ އެކީގަ އެވެ. ފައްޔާޒުގެ ޝިއާރަކީ އެމްޑީޕީ "ހިންގާލުމެވެ."
އަރިއަތޮޮޅު އުތުރު ބުރީގެ MDP ގެ ބޮޑު އެއް ތަނބު ކަމުގައިވާ ތޮއްޑޫ ގަދަކޮށް އޮތިއްޔާ ، އަރިއުތުރުގެ ނަތީޖާ ސާފުކޮއްދޭ ، ކަޅު ވިލާތަކުން ހުރަސްކޮށް ، އަމާން ބަނދަރަކަށް މި ބއޮޑި ގެންދިއުމަށް ތޮއްޑޫ މެމްބަރުންގެ ތާއީދު @faya_i އަދި @Roxeyna އާއެކު 🤩💪#MDPhingaalan pic.twitter.com/ytHomI7dr8
— Azmeen (@Azmeen_87) May 5, 2022
މިކަންކަމާ ހެދި ނަޝީދުގެ ނުރުހުމުގެ ބަސްތައް ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން މިނިސްޓަރު ޝައުނާ، ފައްޔާޒަށް ތާއީދުކުރެއްވުމުން ޓްވިޓާގައި ކޯފާ އިސްކުރައްވައި ބަހުގެ ހަމަލާތައް ދެއްވާފައިވެ އެވެ. ނަޝީދަށް އޮތް ކަމަށް އިންތިގެ ފަޅިން "ދައްކާ ބިރަކީ" ފައްޔާޒް ޗެއާޕާސަނަކަށް ހޮވިވަޑައިގެންފި ނަމަ ނަޝީދު އެމްޑީޕީން ބޭރުކުރަން ރޭވުމެވެ. އެ ވާހަކަ މިހާރު އެތައް ފަހަރަކު އެތައް ގޮތަކަށް ދެކެވިއްޖެ އެވެ. އަދި އެކަމާ ގުޅިގެން ނަޝީދު ވަނީ "ނިކަން ބޭރުކޮށްބަލާށޭ" ވިދާޅުވެ އިންޒާރު ވެސް ދެއްވައިފަ އެވެ.
އިންތިގެ ފަޅިން ދައްކާ އެފަދަ ވާހަތައް ފައްޔާޒްގެ ފަޅިން ސިފަކުރަނީ ކެމްޕޭން އުކުޅެއްގެ ގޮތުގަ އެވެ. އެހެންވެ އެކަމުގައި އެއްވެސް އަސްލެއް ނެތެވެ.
ޔަގީންވާ ކަމަކީ 14 ގައި ބާއްވާ ޗެއާޕާސަންގެ އިންތިހާބު ނިމިގެންދާ އިރު، އެމްޑީޕީގައި މިހާރު ލާފައި އޮތް ރެނދު އިތުރަށް ހާމަވެގެންދާނެ ކަމެވެ. ހާއްސަކޮށް ފައްޔާޒް އިންތިހާބު ކާމިޔާބުކޮށްފި ނަމަ އިންތިގެ ފަޅިން "އަރުވައިލާނެ ވަރު" މިހާރު ވެސް ވަޒަންކޮށްލެވޭ ކަމަށް ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.
ތިލަފަތުގެ ރަމްޒު – އިމްތިޔާޒް ފަހުމީގެ ކެންޕެއިން ހއ. އުލިގަމަށް ވަޑައިގަތުން. #Live @Imthiyazfahmy #InthiAaEku #ThilafathugeRamzu pic.twitter.com/TqsBmSxpwl
— Sim (@Simwarr) May 7, 2022
މިކަންކަމާ ހެދި އީވާ ފަދަ ބޭފުޅުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ނަޝީދު ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ސީދާ ނަޝީދު ވެސް ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވާ ގޮތުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ވެސް ދޭން ޖެހެ އެވެ.
އެހެންވެ އެމްޑީގެ ޗެއާޕާސަން ހޮވަން އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ނަތީޖާ ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމުމުގައި ވެސް ބޮޑު ނުފޫޒު އަދާކުރާނެ ކަމަކަށެވެ. އެހެންވެ ކުރިއަށް އޮތީ އެ ޕާޓީ އަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ އެވެ. އަދި މިއީ ޕާޓީގެ އާންމު ގިނަ މެމްބަރުން ތިބި ފަޅިއެއް ވެސް ސާފުވެގެން ދާނެ އިންތިހާބަހެކެވެ.
އެހެންވެ ޗެއާޕަސަންގެ މި އިންތިހާބަކީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ރިޔާސީ ޓިކެޓްގެ "ތަޅާފޮޅުންގަނޑެއް" ގެ ފެށުމަކަށް ވެސް ބެލިދާނެ އެވެ.