ދިވެހި ގައުމަށްޓަކައި ތެދުވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހިތްވަރު ދެއްވައި ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރެވޭ މަސައްކަތަކީ ގައުމަށްޓަކައި ކުރެވޭ ވަފާތެރި މަސައްކަތެއް ކަމަށެވެ.
"އަހަރެމެންގެ މި ނުހަނު ލޯބިވާ ގައުމަށްޓަކައި ކުރެވޭ މަސައްކަތްތައް އާކުރަން ޖެހޭ." ޔާމީން ވިދާޅުވި އެވެ.
Boots OUT, military OUT. 🇮🇳OUT. Stand up 4 de Country U so loyally serve. Let us renew our pledge 2 de Nation so dear
— Abdulla Yameen (@prz_ymn) May 7, 2022
ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ވަރުގަދަ ކުރެއްވުމަށް ގޮވާލެއްވި އިރު ސަަރުކާރުން މިދިޔަ މަހު ވަނީ އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރާކުން ކަނޑައަޅައިފަ އެވެ. އެއާ އެކު "އިންޑިއާ އައުޓް" ލިޔެ، ދަމާ ބެނާތައް ނަގައި، އެ ކެމްޕޭން ކުރިއަށް ގެންދަން ދެން ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓުވޭނެ ކަމަށެވެ. ޕީޕީއެމުން ވަނީ އެ ކެމްޕޭން މަނާކުރި ގަރާރު ބާތިލުކޮށްދޭން މިދިޔަ މަހު ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.