ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފައިނުވާތީ, މުސާރަ ބޮޑުކުރުމަށް ގޮވާލާ ލެކްޗަރާއިން އިހުތިޖާޖު ކޮށްފިއެވެ.
މި އިހުތިޖާޖާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ލެކްޗަރާއެއް ވިދާޅުވީ, މި އިހުތިޖާޖުގައި މޯލްޑިވްސް ނެޝަނަލް ޔުނިޔާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިއީ މުސާރަ ބޮޑުކުރުމަށް ގޮވާލާ ހިންގާ ފުރަތަމަ ހަރަކާތްތައް ފާހަގަކޮށް އެ ލެކްޗަރާ ވިދާޅުވެފައިވަނީ އިތުރު ކަންކަންވެސް ކުރިއަށް ރޭވިފައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ ތައުލީމީ ދާއިރާއިން އަޅުގަނޑުމެން ބާކީ ނުކުރާށޭ, އަޅުގަނޑުމެންނަކީވެސް ތައުލީމީ ދާއިރާގައި ހިމެނޭ ބައެކޭ. 12 އަހަރުވީ މުސާރަ އަށް ބަދަލެއް ނާންނަތާ އެހެންމަ މިއީ އެންމެ ރަނގަޅު ވަގުތޭ މުސާރައަށް ބަދަލެއް ގެންނަން. އެކަމަށް އަޅުގަނޑުމެން ގޮވާލީ." ލެކްޗަރާއެއް ވިދާޅުވިއެވެ.
ޓީޗަރުން އަދި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ މުސާރަ ބޮޑު ކޮށްފައިވަނީ މޭ 1 ވަނަ ދުވަހުއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކޮށް އޮތުމުން އެކަމުގައި އެ ފަރާތްތަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ, ވަރަށް އަވަހަށް ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ މުސާރައަށް ސަރުކާރުން ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ޕްރިންސިޕަލުންގެ މުސާރަ 30،000ރ އިން މައްޗަށް ޖެހިފައިވާއިރު ގިނަ ޓީޗަރުންގެ މުސާރަ ވަނީ 20،000ރ އިން މައްޗަށް ޖެހިފައެވެ.