ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިއީ ކާށިދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ތަރައްގީ ކުރުވުނު ސަރަހައްދެއް ކަމަށެވެ. މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ބަހައްޓާފައިވާ ކަމަށާއި، މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއްވެސް ތަރައްގީކޮށްފައިވެއެވެ.
"އަޅުގަނޑުގެ އުންމީދަކީ މިރަށުގެ ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔަރސް އާއި އެހެނިހެން ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވެފައިވެއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެއެވެ.