ރާއްޖެ އައި ޓޫރިސްޓެއްގެ އަތުން ހަތަރު ކިލޯ އަށް ވުރެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި ފެނިފައި ވަނީ މި މަހު 3 ގައި ވައިގެ މަގުން ރާއްޖެ އައި މީހެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުން ކަމަށެވެ.
އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވްވެފައި ކަމަށާއި އޭގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 21 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ތަކެތި ކަސްޓަމްސް އިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.