Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އެމްޑީޕީ ޗެެއާޕާސަން އިންތިހާބު: އިންތި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފި

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށްފިއެވެ.

އެގޮތުން އެންމެ ފަހުން އިންތި ކެމްޕޭނަށް ވަޑައިގެންފައިވަނީ ހދ. މަކުނުދޫއަށެވެ. އެރަށުގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އިންތި ވަނީ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދެވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އިރާދަކުރެއްވިއްޔާ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ކެމްޕޭންގައި އިންތި ވަނީ ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށް ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

މި އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މޭ 14 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އިންތިއަށް ތާއީދުކުރާ ފަރާތްތަކާއި ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައްވެސް ބަދަލުކުރަމުންނެވެ.