ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ 100 ދުވަސް ފާހަނގަ ކުރަމުން އަންނަ އިރު ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ރައްޔިތުން ތިބީ ކަރަންޓަށް ޖެހިފަ އެވެ.
ތަފާތު ލަނޑުދަނޑިތައް ހަދައި ވާސިލް ވުމަށް މަސައްކަތް ކުރަމުން ދިޔަ އިރު އައްޑޫގެ ކަރަންޓްގެ ހާލަތު މިހާރުގެ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް މި މުއްދަތުގައި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެދެވޭ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވިތާ ހަފްތާއެއްގެ ތެރޭ އައްޑު އަށް ފޮނުއްވި ޖަނަރޭޓަރު 100 ދުވަސް ހަމަވި އިރު އިންސްޓޯލްކޮށް ނިންމާނުލެވުނެވެ. އަދި ކުރިން ތިބި އިންޖީންތައް މަރާމާތުކޮށް ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދައި ދެވިފައި ނުވެއެވެ.
އައްޑޫގެ އިންޖީނުގޭގެ އިންޖީނުތައް ރައީސް ނަޝީދުގެ ސަރުކާރުން ނުކުރާ ކަމަށް ބުނެ މިއަދު ދައްކާނެ ވާހަކައެއް ނެތެވެ. ނަޝީދުގެ ސަރުކާރު ނިމި ދެ ސަރުކާރެއް ވެރިކަން ހިންގާފައިވާ އިރު ފާއިތު 3 އަހަރު ތެރޭ އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވެ އޮތުމުން ސަރުކާރުން މިކަމަށްދޭ ސަމާލް ކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި އާއްމު ރައްޔިތުންގެ އަގު ބޮޑު އިލެކްޓޯރިނިކް ސާމާން ހަލާކުވަމުންދާއިރު ކަރަންޓް ދިނުމަށް ހަވާލުވެފައިވާ ފެނަކަ ކޯޕަރޭޝަނުން އަނގައިވެސް ނުބުނެއެވެ. ކުޑަމިނުން ކަރަންޓް ކެނޑޭނެ ވާހަކަ އަންގާވެސް ނުލައިއެވެ.
މިފާއިތު މަހުން ފެށިގެން ކޮންމެ ދުވަހަކު ދެ ފަހަރު ނުވަތަ ތިން ފަހަރު އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން އަންނައިރު މިކަން ހައްލު ވާނެ ތާރީހެއް ވެގެން އުޅޭ ގޮތެއް ފެނަކަ ކޯޕަރޭޝަނުން އަދި މިހާތަނަށް ބުނެފައި ނުވެއެވެ.
އައްޑޫގައި ހުންނަ އޮފީހަށް ގުޅުމުން ދޭ ޖަވާބަކީ ތިޔަށް ޖަވާބެއް ދެއްވާނީ މާލޭގެ ހެޑް އޮފީހުންކަމަށެވެ. އެތަނުގެ ވެރިއަކަށް ކިތަންމެ ގިނައިން ގުޅިއަސް ޖަވާބެއް ނުލިބެއެވެ. ގުޅޭ ފަހަރުވެސް ދައްކަނީ އެހެން ވާހަކައެކެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށައް އައްޑޫ އިންޖީނުގެ ބަދަލު ކުރި ހިސާބުން ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައެވެ. އިންޖީނުގޭގެ ބައެއް މުވައްޒަފުން ބުނާ ގޮތުން ސްޕެއާއަކަށް އޯޑަރު ކުރުމުން ލިބެނީ އެތައް ދުވަހެއް ފަހުންނެވެ. އެއްޗެއް ގަތުމުގެ އިހްތިޔާރު އައްޑޫ އިންޖީނުގެއަކަށް ނޯވެއެވެ. ނަމަވެސް ކުރިން އިންޖީނުގެ ހިންގީ އެތަނަށް ލިބޭ އެއްޗަކުން ހަރަދުކޮށްގެން އެތަނުންނެވެ.
ސުވާލަކީ 100 ދުވަސް ނިމި 200 ދުވަސް ފަހަނަޅައި ދާއިރުވެސް ކަރަންޓް ކެނޑެން ދިމާވާ މައްސަލަ ހައްލުވާނެ ބާވައެވެ؟
ކަނު އަނދިރީގެ 100 ދުވަސް ފަހަނަޅައި ދިޔައިރު މިވަގުތުވެސް އައްޑޫގެ އެކި ސަރަހައްދުތަކުގައި ކަރަންޓެއް ނެތެވެ. އެކަމަކު މިވަރުގެ ސަރުކާރެއް އަދި ނާންނަކަމަށް އިއްޔެ ވިދާޅުވި އަޑު އިވެއެވެ.