އައްޑޫން މާޗް މަހު ބޭނި "ބްލެކް ސްނޫކް" އަކީ މިހާތަނަށް ބޭނި އެ ވައްތަރުގެ އެންމެ ބޮޑު މަހުގެ ރެކޯޑްކަން ކަށަވަރުވެއްޖެ އެވެ.
ދޮށި އުފައްދާ ސިންގަޕޫރްގެ ކުންފުންޏަކުން އުފެއްދި "ޓެމްޕާ ރީފް" ދޮށި ޓެސްޓްކޮށް، މާކެޓްކުރުމަށް އައި އެމެރިކާގެ މަސްވެރިއެއް ކަމަށްވާ ޓްރިސްޓަން ޓްރަރޯޓްއާ "ބްލެކް ސްނޫކް" ބޭނީ މާޗް މަހުގެ 15 ގަ އެވެ. އެ މަހުގެ ދިގުމިނުގައި 68.5 އިންޗި (5 ފޫޓް 7 އިންޗި) ހުރި އިރު ބަރުދަނަކީ 14.06 ކިލޯ އެވެ. މި ބާވަތުގެ މަހަކީ އާންމުކޮށް ކަނޑުއަޑީގެ 400 މީޓަރު އަޑީގައި އުޅޭ އެއްޗެކެވެ. އައްޑޫން "ބްލެކް ސްނޫކް" ބޭނީ 300 މީޓަރު އަޑިންނެވެ.
އެއާ އެކު އެއީ ރެކޯޑަށް ވެދާނެ އެއްޗަކަށް ގަބޫލުކުރެވި އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭސަން (އައިޖީއެފް) އަށް ހުށަހެޅުމުން އެތަނުން މިހާރު ޓްރިސްޓަން ބޭނި މަހަކީ ދުނިޔޭގެ ރެކޯޑެއް ކަށަވަރުވެފައިވާކަން އަންގައިފަ އެވެ. އަދި މި ވާހަކަ ޓްރިސްޓަން އޭނަގެ އިންސްޓަގްރާމްގައި އިއުލާންކޮށްފައި އެވެ. އަދި މި ކާމީޔާބީއާ ގުޅިގެން އޭނާ އަށް އައްޑޫ ސްޕޯޓްސް ފިޝިން އިން ވެސް މަރުހަބާ ކިޔާފައިވެ އެވެ.
ރެކޯޑް ހެދި "ބްލެކް ސްނޫކް" ޓްރިސްޓަން ބޭނީ އައްޑޫ ސްޕޯޓްސް ޝިންއާ އެކު ކުރި މަސް ދަތުރުގަ އެވެ.