Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

ބޫޓާންގެ ސަފީރު، ފަތްކޮޅު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

އާ ސަފީރުން ކަނޑައަޅާފައިވަނީ ބޫޓާން، ކަޒްކިސްތާން އަދި ބްރެޒިލުންނެވެ.

ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިންޗެން ކުއެންޓްސިލްއެވެ. ބްރެޒިލްއިން ކަނޑައެޅި އާ ސަފީރަކީ ސަރޖިއޫ ލުއިޒް ކަނާއިސްއެވެ. އަދި ކަޒްކިސްތާނުން ކަނޑައެޅުއްވި އާ ސަފީރަކީ ނުރުލާން ޒަލްގަޒްބަޔޭވްއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޫޓާންގެ ސަފީރު ވަނީ މޫސުމީ ބަދަލުތަކަށް ބަލާނަމަ ރާއްޖެއާއި ބޫޓާނަކީ ކުޑަ އަދި ނާޒުކު ދެޤައުމުކަން ފާހަގަކުރައްވައި މި ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަން ހާމަކުރައްވާފައެވެ.

ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.